
ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ތޯރިގް ވިދާޅުވީ، އިސްރާއީލް ޕާސްޕޯޓް މަނާކުރުމާ ގުޅިގެން ރާއްޖެ ބޮއިކޮޓްކުރުމަށް ގޮވާލާ އެއްވެސް ކެމްޕޭނެއް ސޯޝަލް މީޑިއާގައި ހިންގަމުން ނުދާކަމަށެވެ.
ޓޫރިޒަމް މިނިސްޓަރު ވިދާޅުވިގޮތުގައި ޓޫރިޒަމް މިނިސްޓްރީން ކޮންމެ ދުވަހަކުވެސް ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު މޮނިޓާކޮށް ބަލަމުން ގެންދެއެވެ. އަދި އިސްރާއީލް ޕާސްޕޯޓް މަނާކުރި ފަހުންވެސް ރާއްޖެއަށް ޓޫރިސްޓުން އައުން މަދުވަމުން ނުދާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އިތުރަށް މިނިސްޓަރު ތޯރިގް ވިދާޅުވީ، އިސްރާއީލް ޕާސްޕޯޓް ރާއްޖެއަށް އެތެރެވުން މަނާކުރަން ނިންމި ނިންމުމާ ގުޅިގެން ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ރާއްޖެއަށް ތައުރީފު އަމާޒުވާގޮތަށް އެ ހަބަރު ގެނެސްދީފައިވާކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން އިސްރާއީލް ޕާސްޕޯޓް ރާއްޖެއަށް އެތެރެވުން މަނާކުރަން ފާސްކޮށް، ރައީސް މި މަހުގެ 15 ވަނަ ދުވަހު އެ ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން އިމިގްރޭޝަނުން ވަނީ ޓްރެވެލް އެޑްވައިޒަރީއެއް ނެރެފައެވެ. އެޑްވައިޒަރީގައި ބުނެފައިވަނީ، އިމިގްރޭޝަންގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އިސްރާއީލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާވާނެ ކަމަށެވެ. ޓްރެވެލް އެޑްވައިޒަރީއާއެކު ގާނޫނަށް ގެނައި އިސްލާހު ވެސް ވަނީ އާންމުކޮށްފައެވެ.