
ނައީމާ ޕްރިންސިޕަލަކަށް ހަމަޖައްސާފައިވަނީ، ކުރިން އެ މަގާމުގައި ހުންނެވި ރިންޒީ ވަހީދު އަމީނިއްޔާ ސްކޫލަށް ބަދަލުކުރެއްވުމާ ގުޅިގެންނެވެ. ރިންޒީ އަމީނިއްޔާ ސްކޫލަށް ބަދަލުކޮށްފައިވަނީ މިދިޔަ އެކަޑަމިކް އަހަރު ނިމެނިކޮށެވެ.
ހިރިޔާ ސްކޫލްގެ އާ ޕްރިންސިޕަލް ނައީމާ، 2021 ވަނަ އަހަރުގެ ނޮވެންބަރު 23 ވަނަ ދުވަހުން ފެށިގެން ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުގައި މަސައްކަތްކުރަމުން ގެންދެވިއެވެ. އޭގެ ކުރިން 2010 ވަނަ އަހަރުން ފެށިގެން ނައީމާ ހިރިޔާ ސްކޫލްގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރައްވައި، ލީޑިންގ ޓީޗަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައިވެއެވެ. ނައީމާގެ ޓީޗިންގ ކެރިއަރ ފެށިފައިވަނީ 2005 ވަނަ އަހަރު މަޖީދިއްޔާ ސްކޫލްގައެވެ.
ނައީމާ ވަނީ ޔުނިވަސިޓީ އޮފް މައިސޫރުން ފުރަތަމަ ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ނައީމާ އަކީ މާސްޓާރސް އޮފް އެޑިޔުކޭޝަންގެ އިތުރުން މާސްޓާރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ.