
އަންނަ ފީފާ ވޯލްޑް ކަޕްގައި 48 ޓީމު ވާދަކުރާއިރު، މިއީ ތިން ގައުމުގައި އެއްފަހަރާ ބާއްވާ ފުރަތަމަ ވޯލްޑް ކަޕް ކަމަށް ވަނީ ހާމަކޮށްފައެވެ.
މި މުބާރާތުގައި ޖުމްލަ 104 މެޗް ކުޅޭނެ ކަމަށާއި، އެމެރިކާގައި 78 މެޗް ބޭއްވުމަށް ހަމަޖެހިފައިވާއިރު ކެނެޑާ އާއި މެކްސިކޯއިން 13 މެޗް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.
މުބާރާތުގެ ފައިނަލް މެޗް ކުޅޭނީ 2026 ވަނަ އަހަރުގެ ޖުލައި 19 ވަނަ ދުވަހު ނިއުޖާސީގައި ހުރި މެޓްލައިފް ސްޓޭޑިއަމްގައި ކަމަށް ވަނީ ހާމަކޮށްފައެވެ.
މި ތައްޔާރީތަކާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ 2025 ވަނަ އަހަރުގެ މާރިޗު 7 ވަނަ ދުވަހު ވައިޓްހައުސް ޓާސްކް ފޯސްއެއް އުފެއްދުމަށް ސޮއިކުރައްވާފައެވެ.
ޓްރަމްޕް އަމިއްލައަށް މި ޓާސްކްފޯސްގެ ޗެއާގެ މަގާމު އަދާކުރައްވާނެ ކަމަށާއި، ވައިސް ޕްރެޒިޑެންޓް ޖޭޑީ ވާންސް ވައިސް ޗެއާގެ މަގާމު އަދާކުރައްވާނެ ކަމަށް ހާމަކޮށްފައިވެއެވެ.
މި ޓާސްކްފޯސްގެ އެގްޒެކެޓިވް ޑިރެކްޓަރަކަށް އެންޑްރޫ ޖޫލިއާނީ އައްޔަންކުރުމަށް ރާވަމުންދާކަމަށް ބުނެވެ. މި ޓާސްކްފޯސް އުފައްދަނީ މުބާރާތުގެ ލޮޖިސްޓިކްސް، ސެކިއުރިޓީ އަދި ޕްލޭނިންގެ ކަންކަން ރާވާ ހިންގުމަށްޓަކައި ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.
ފީފާގެ ރައީސް ޖިއާނީ އިންފެންޓިނޯ ވަނީ މި މުބާރާތާއި 2025 ގައި އެމެރިކާގައި ބާއްވާ ފީފާ ކްލަބް ވޯލްޑް ކަޕުން 40 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބި، 200،000 ވަޒީފާ އުފެދޭނެ ކަމަށް ބުނެފައެވެ. މީގެ އިތުރުން މިލިއަނަކަށްވުރެ ގިނަ ޓޫރިސްޓުން ވޯލްޑް ކަޕް ބެލުމަށް އެމެރިކާއަށް ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކުރެވެއެވެ.
ނަމަވެސް މުބާރާތް ބާއްވާ ތިން ގައުމުގެ ދެމެދުގައި މިހާރު ވިޔަފާރީގެ ދަތިތަކެއް ހުރިކަމަށް ޓްރަމްޕް ވަނީ ހާމަކުރައްވާފައެވެ.