
ޖަމީލް ވިދާޅުވެފައިވަނީ މިއީ އެފަދަ ޝަރަފެއް ދޭން މުނާސަބު ދަނޑިވަޅެއް ނޫން ކަމަށާއި، އެކަން ކޮށްފިނަމަ ޔުނިވަސިޓީގެ ނަން ހަޑިވެދާނެ ކަމަށެވެ.
ރައީސް މުއިއްޒު މާދަމާ މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އައިއައިޔޫއެމްއަށް ޒިޔާރަތްކުރައްވައި ތަގުރީރެއް ދެއްވުމަށް ހަމަޖެހިފައިވާއިރު، އެ ރަސްމިއްޔާތުގައި ރައީސަށް އޮނަރަރީ ޑޮކްޓަރޭޓްކަން އެރުވުމަށް ޔުނިވަސިޓީގެ އެކި ކޮމެޓީތަކުގައި މަޝްވަރާކުރަމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ.
އެކަމާ ގުޅިގެން އެ ތަނުން ދަސްވެނިވި 10 ދިވެހި ދަރިވަރުން ވަނީ ރައީސަށް އޮނަރަރީ ޑޮކްޓަރޭޓްކަން ނާރުވާން އެދި ޔުނިވަސިޓީއަށް ވަކިވަކިން ސިޓީ ފޮނުއްވާފައެވެ. އޭގެ ތެރޭގައި ކުރީގެ ނައިބު ރައީސް ޑރ. ޖަމީލާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދުވެސް ހިމެނިވަޑައިގަންނަވައެވެ.
ޖަމީލް ފޮނުއްވި ސިޓީގައި މި ސަރުކާރުގެ އަދުލު އިންސާފުވެރިކަމާއި ނަޒާހަތްތެރިކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވާލެވޭ ގޮތަށް ގާނޫނުއަސާސީއަށް ބަދަލު ގެނައުމާއި، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ކުއްލި ގޮތަކަށް ސަސްޕެންޑްކުރުމާއި، ކުރީގެ ރައީސް ޔާމީން މިނިވަންކުރުމުގެ ވައުދާ ހިލާފުވުން ފަދަ ކަންކަން ފާހަގަކުރައްވާފައިވެއެވެ. ރައީސް އޮފީހުން ބުނީ ރައީސް މެލޭޝިއާއަށް ކުރައްވާ ދަތުރުފުޅަކީ އެ ގައުމުގެ ޕްރައިމް މިނިސްޓަރު އަންވަރް އިބްރާހީމްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.