
އުމުރުން 21 އަހަރުގެ ހައްވާ ޔުމުނު ވެއްޓުނުތާ ހަފްތާއެއް ފަހު އެ މައްސަލަ ތަހުގީގުކުރަން ހާއްސަ ކޮމިޝަނެެއް ރައީސް މުއިއްޒު މި އުފެއްދެވީ އެ މައްސަލަލައިގެ ތަހުގީގު ކުރިޔަށް ދާ ގޮތުން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ. އަދި ޔުމްނުގެ މައްސަލަ ތަހުގީގުކޮށް އިންސާފު ހޯދާދިނުމަށް ގޮވާލާ ގިނަ އަދަދެއްގެ ޒުވާނުން ނުކުމެ މާލޭގައި މަގުތަކުގައި މުޒާހަރާކުރަމުން އަންނަތާ 4 ރޭ ވެފައިވެސް ވަނިކޮށެވެ.
ރައީސް އުފެއްދެވި ކޮމިޝަންގައި ތިއްބަވަނީ ތިން މެމްބަރުންނެވެ. މި ކޮމިޝަންގެ ބޭނުނަމަކީ މިމަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދުންކަމަށް ރައީސް މުއިއްޒު ނެރުއްވި ގަރާރުގައިވެއެވެ، މީގެއިތުރުން އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަހުގީގެއް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކީ ކުރުމަށްކަމުގައި ރައީސްގެ ގަރާރުގައިވެއެވެ.
ކޮމިޝަންގެ މެމްބަރުން
- ޑރ މުހައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
- ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަހްމަދު މުހްއްމަދު، ވ. އަލްމާން
- ޑރ މުހައްމަދު ހަބީބު، ސ. ހިތަދޫ، ސީސަންމާގެ
މިކޮމިޝަނުގެ ރައީސްކަމުގައި ހަމަޖައްސަވާފައިވަނީ ކަނޑައަޅުއްވާފައިވަނީ ޑރ މުހައްމަދު މުނައްވަރެވެ.
ކޮމިޝަންގެ ޗެއާ އަދި ކޮމިޝަންގެ އެއް މެމްބަރުކަމަށްވާ ޑރ ހަބީބް
މި ކޮމިޝަނަށް ލިބިދޭ ބާރުތަކާއި އިމްތިޔާޒުތައް
- ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި ކޮމިޝަނުން ކުރިޔަށްގެންދާ ތަހުގީގުތަކަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން؛
- ކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައްޔާއި ތަހުގީގުތަކުގައި އެހީތެރިވުމަށް ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި، ރާއްޖެއިން ބޭރުގެ ހަބީރުންގެ އެހީތެރިކަން ހޯދުން؛
- ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގައި ބަޔާންކުރާ، ޤާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުން؛
- ހައްޔަރު އަމުރާއި، ޖިނާއީ ތަހުގީގުތަކާ ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުން
- ހާޒިރުކުރަންޖެހޭކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށްގެން ސުވާލުކުރުމާއި، މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެނޫން ވެސް ހެކި ހޯދުމާއި، އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން؛
- ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަހުގީގެއް ކޮށްފައި ވާ ނަމަ، އެ ތަޙުޤީޤަކުން ނުވަތަ އެނޫންވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއި، އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި، ހެއްކާއި، ގަރީނާތަކާއި، އެނޫން ވެސް މައުލޫމާތު ހޯދުން.
މި ކޮމިޝަނަކީ، ކޮމިޝަނާ މަތިކުރެވޭ މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމާ ހަމަޔަށް ދެމިއޮންނާނޭ ކޮމިޝަނެއްކަމުގައި ރައީސް މުއިއްޒު ނެރުއްވި ގަރާރުގައިވެއެވެ.