
މިގޮތުން މާލޭގެ ފަސް ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ސިފައިން މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. އެ ފަސް ސަރަހައްދަކީ ވެސްޓް ޕާކު، އައިޖީއެމްއެޗް، މާފަންނު ފެރީ ޓާމިނަލް، ބޮޑުވަޅު އަދި ދަރުބާރުގެ ސަރަހައްދެވެ.
ފެންބޮޑުވެ ގެތަކަށް ފެން ވަންނަނަމަ ވެލިބަސްތާ ޖެހުމަށް ވެސް ސިފައިން ތައްޔާރީ ހާލަތުގައި ތިބި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ "ވިންޑު ކޮންވަޒޭޝަނެއްގެ" ސަބަބުން ކުރަމުންދާ ވިއްސާރައެއްކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވެއެވެ.
ކުރިއަށް އޮތް ތިން ދުވަހު ވެސް މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މިހާރު ވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފައެވެ. މި ސަމާލު ނެރެފައި ވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރައި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭތީއެވެ.