
ސުޖާއު މަގާމުން އިސްތިއުފާދެއްވުމަށްފަހު ޝަރަފުވެރިކަމާއެކު ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެެއްވިކަން އެ އިދާރާއިން ވަނީ ހުރިހާ ފުލުހުންނަށް އަންގާފައެވެ. އަދި އޭނާ ހިދުމަތުން ރިޓަޔާކުރެއްވި މަގާމުން އިސްތިއުފާދެއްވި ދުވަހުކަމަށްވެސް ފުލުހުންގެ އިދާރާއިން ބުނެއެވެ.
ޕޮލިސް ކޮމިޝަނަރުކަމުން ސުޖާއު އިސްތިއުފާ ދެއްވީ ހ. މިޓާޒް ގޭ ފުރާޅުމައްޗަށް އުމުރުން 21 އަހަރުގެ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ފުލުހުންގެ ތަހުގީގު ކުރިޔަށް ގެންދާ ގޮތުން ގިނަ ބައެއްގެ ފާޑިކިޔުންތައް އަމާޒުވެ މަގާމުން އިސްތިއުފާދިނުމަށް ގޮވާލާފައި ވަނިކޮށެވެ.
ސީޕީ އިސްތިއުފާދެއްވާ ހުށައެޅުއްވި ސިޓީގައި ބުނެފައިވަނީ މަގާމުން އިސްތިއުފާދެއްވަނީ އާއިލީ ބައެއް ޒިންމާތައް ހުރުމުންކަމަށެވެ.
ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ހުންނަވަނިކޮށް ޝުޖާއު އަށް ޕޮލިސް ކޮމިޝަނަރުކަން ދެއްވީ 25 ޑިސެމްބަރު 2023 ގައެވެ.