
އެނގިފައިވާ ގޮތުގައި ހަބީބް ކޮމިޝަނުން އިސްތިއުފާދެއްވީ ޔުމްނު ވެއްޓުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލްެއާއި އާއިލީ ގުޅުން އޮންނާތީއެވެ.
ޑޮކްޓަރު ހަބީބު އެ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ އެ ކޮމިޝަން އުފެއްދިތާ ދެ ދުވަސްވީ ތަނަާއެވެ.
ހަބީބު އާއި ރައުދުއާ ގުޅެނީ ރައުދުގެ މަންމަގެ ފަރާތުންކަމަށް ވެއެވެ.
ބުރުޒުމަގުގައި ހުންނަ ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން ރައީސް ޑރ. މުއިއްޒު ހާއްސަ ރިޔާސީ ކޮމިޝަނެއް އުފެއްދެވީ މިދިޔަ އާދިއްތަ ދުވަހުއެވެ.
21 އަހަރުގެ ހައްވާ ޔުމުނު ވެއްޓުނުތާ ހަފްތާއެއް ފަހު އެ މައްސަލަ ތަހުގީގުކުރަން ހާއްސަ ކޮމިޝަނެެއް ރައީސް މުއިއްޒު މި އުފެއްދެވީ އެ މައްސަލައިގެ ތަހުގީގު ކުރިޔަށް ދާ ގޮތުން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ. އަދި ޔުމްނުގެ މައްސަލަ ތަހުގީގުކޮށް އިންސާފު ހޯދާދިނުމަށް ގޮވާލާ ގިނަ އަދަދެއްގެ ޒުވާނުން ނުކުމެ މާލޭގައި މަގުތަކުގައި މުޒާހަރާކުރަމުން އަންނަތާ 4 ރޭ ވެފައިވެސް ވަނިކޮށެވެ.
ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި ހަބީބްގެ އިތުރުން ދެން ތިއްބެވީ ޑރ މުހައްމަދު މުނައްވަރާއި ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަހްމަދު މުހައްމަދު އެވެ.
ކޮމިޝަނަށް ލިބިދޭ ބާރުތަކާއި އިމްތިޔާޒުތައް
- ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި ކޮމިޝަނުން ކުރިޔަށްގެންދާ ތަހުގީގުތަކަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން؛
- ކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައްޔާއި ތަހުގީގުތަކުގައި އެހީތެރިވުމަށް ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި، ރާއްޖެއިން ބޭރުގެ ހަބީރުންގެ އެހީތެރިކަން ހޯދުން؛
- ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގައި ބަޔާންކުރާ، ޤާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުން؛
- ހައްޔަރު އަމުރާއި، ޖިނާއީ ތަހުގީގުތަކާ ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުން
- ހާޒިރުކުރަންޖެހޭކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށްގެން ސުވާލުކުރުމާއި، މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެނޫން ވެސް ހެކި ހޯދުމާއި، އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން؛
- ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަހުގީގެއް ކޮށްފައި ވާ ނަމަ، އެ ތަޙުޤީޤަކުން ނުވަތަ އެނޫންވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއި، އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި، ހެއްކާއި، ގަރީނާތަކާއި، އެނޫން ވެސް މައުލޫމާތު ހޯދުން.
މި ކޮމިޝަނަކީ، ކޮމިޝަނާ މަތިކުރެވޭ މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމާ ހަމަޔަށް ދެމިއޮންނާނޭ ކޮމިޝަނެއްކަމުގައި ރައީސް މުއިއްޒު ނެރުއްވި ގަރާރުގައިވެއެވެ.