ads
ރައީސް މުހައްމަދު މުއިއްޒު މޯލްޑިވްސް-މެލޭޝިއާ ބިޒްނަސް ފޯރަމްގައި ތަގުރީރުކުރައްވަނީ - ފޮޓޯ/ ރައީސް އޮފީސް
މެލޭޝިއާގެ ވިޔަފާރިތަކުން ރާއްޖޭގެ ތަރައްގީއަށް އިންވެސްޓްކުރަން ރައީސްގެ ދައުވަތު
މެލޭޝިއާގެ ވިޔަފާރިތަކުން ރާއްޖޭގެ ތަރައްގީގައި ބައިވެރިވެ އިންވެސްޓްކުރުމަށް، ރައީސް މުހައްމަދު މުއިއްޒު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި އިންވެސްޓަރުންގެ ފޯރަމުގައި ދައުވަތު ދެއްވައިފި އެވެ.
Advertisement

ރައީސްގެ ފަރާތްޕުޅުން މި ދައުވަތު ދެއްވީ، އެ މަނިކުފާނު މިހާރު މެލޭޝިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރިއަށްގެންދިޔަ މޯލްޑިވްސް-މެލޭޝިއާ ބިޒްނަސް ފޯރަމް 2025ގައި ތަގުރީރު ކުރައްވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައިވަނީ، މި ސަރުކާރުން ކުރިއަށްދަނީ ރައްޔިތުންނަށްވީ ވަޢުދުތައް ފުއްދައި ދިނުމުގެ އަޒުމުގައިކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. ރައީސް ވަނީ، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށާއި މުއައްސަސާތައް ހަރުދަނާ ކުރުމަށާއި ދިވެހި ޖަޒީރާތަކަށް ލިބިފައިވާ ވަސީލަތްތަކުގެ ފުރިހަމަ ބޭނުން ހިފޭނޭ މަގުފަހި ކުރުމަށް، މި ސަރުކާރުން ވެފައިވާ ވައުދުތަކަކީ، އެ މަނިކުފާނު ހާއްސަ އަހަންމިއްޔަތުކަން ދެއްވާ ކަންތައްތަކެއް ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ މިނިވަން ކަމަށް 75 އަހަރު ފުރޭ 2040 ވަނަ އަހަރާ ދިވެހިރާއްޖެ ބައްދަލުކުރާނީ ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ކަމަށް ހެދުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމަށް މެލޭޝިއާގެ ވިޔަފާރިތަކަށް ހާއްސަ ގޮތެއްގައި ދައުވަތު ދެއްވާފަ އެވެ.

"ރާއްޖެއިން މި ތަސައްވަރުކުރާ ބަދަލަކީ އެކަނި ގެނެވޭނޭ ބަދަލެއް ނޫން. އެހީތެރިކަން ބޭނުންވާ ދާއިރާތަކުން އެއް ގައުމުން އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިއްމު ކަމެއް،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި ހުރި އިސްތިރާޖީ ފައިދާތަކަށް އިޝާރާތްކުރައްވަމުން އެ މަނިކުފާނު ވަނީ، ޖޯގްރަފީ ގޮތުން ރާއްޖެ އޮންނަނީ ކަނޑުދަތުރުފަތުރުގެ މުހިންމު ސަރަޙައްދެއްގައި ކަމަށް ވާތީ، ކަނޑުދަތުރުފަތުރާއި ކަނޑުދަތުރުފަތުރާ ގުޅުންހުރި ދާއިރާތަކުގައި ވުނަކުރެވިދާނޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ދުނިޔެއަށް ނަން މަޝްހޫރު، ދިވެހި ފަތުރުވެރިކަމުގެ ދާއިރާގައި، ހާއްސަކޮށް އިކޯ-ޓޫރިޒަމުގެ ދާއިރާގައި ހުރި ފުރުސަތުތަކުގެ މައްޗަށް ވެސް އެ މަނިކުފާނު އަލިއަޅުއްވާލެއްވި އެވެ.

އެމަނިކުފާނުގެ ތަގުރީރު ނިންމަވާލެއްވީ، ދިވެހިން މި ތިބީ، ރާއްޖެއަށް ޒިޔާރަތްކުރާ މީހުންގެ ގޮތުގައްޔާއި ރާއްޖޭގެ މުސްތަގުބަލާއި ތަމައްދުނުގެ ބައިވެރިންގެ ގޮތުގައި މެލޭޝިއާގެ ރައްޔިތުންނަށް މަރުހަބާކިޔަން ތައްޔާރަށް ކަމުގައި ހާމަ ކުރައްވަމުންނެވެ.

ރައީސް މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ އެ ގައުމުގެ ބޮޑުވަޒީރު އަންވަރް އިބްރާހީމާ ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލު ކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ވިޔަފާރިއާއި ފަތުރުވެރިކަމާއި ތައުލީމީ ދާއިރާއިން ވެސް ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރައްވާފަ އެވެ. 

މިދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް