
މިކަން ހަމަޖެހުނީ ބީއެމްއެލްއާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓްރީއާ ދެމެދު މިއަދު ސޮއިކުރެވުނު އެމްއޯޔޫއެއްގެ ދަށުންނެވެ.
މި އިންތިޒާމުގެ ދަށުން، މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނަށް ރަހުނަކާ ނުލައި އަދި އިކުއިޓީއެއް ނުލައި 300,000 ރުފިޔާއާ ހަމައަށް ޕާސަނަލް ފައިނޭންސިން ނެގުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މިކަމާ ގުޅިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މިއަދަކީ މަސްވެރި އާއިލާތަކަށް ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ. މިނިސްޓަރު ޝިޔާމް އިތުރަށް ވިދާޅުވީ މަސްވެރިންނަކީ ރަސްމީ ވަޒީފާއެއް އަދާކުރާ ބައެއްގެ ގޮތުގައި ކަނޑައަޅުއްވާ، ބޭންކުތަކާއި ދައުލަތުގެ މުއައްސަސާތަކުގައި ވަޒީފާ އަދާކުރާ އެހެން ފަރާތްތަކަށް ފަހިކޮށްދެވޭ ފުރުސަތުތަކުން މަހުރޫމް ނުވާނެ ބައެއްގެ ގޮތުގައި މަސްވެރިން ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ތެރެއިން މިކަން ހަމަޖެހިގެން ދިޔައީ ކަމަށެވެ. އަދި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފަށާއި ބޭންކުގެ ޓީމަށް ހިތުގެ އިހުލާސްތެރި ޝުކުރު ދެންނެވިއެވެ.
މި ފަހުމުނާމާގެ ދަށުން މަސްވެރިންނަށް ޕަރސަނަލް ފައިނޭންސިންގގެ އިތުރުން ކްރެޑިޓް ކާޑު އަދި ގެދޮރު ގަތުމާއި އިމާރާތްކުރުމާއި މަރާމާތު ކުރުން ފަދަ އެކި ބޭނުންތަކަށް ކްރެޑިޓް ފެސިލިޓީއަށް ފަސޭހައިން ވާސިލުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން، މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކާއެކު އާމްދަނީއަށް ރިއާޔަތްކޮށް އަނބުރާ ފައިސާ ދެއްކުމަށް ލުއިފަސޭހަ ގޮތްތަކެއް ވެސް ބޭންކުން ހަމަޖައްސައިދޭނެއެވެ. އަދި ބީއެމްއެލް އިންޓަރނެޓް ބޭންކިންގ ނުވަތަ މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ކޮންމެ ތަނަކުން ވެސް ލޯނަށް އެދި ހުށަހެޅޭނެއެވެ. މިނިސްޓަރު ޝިޔާމް ވަނީ މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އޮޑިވެރިންނަށާއި މަސްވެރިންނަށް އިލްތިމާސްކުރައްވާފައެވެ.