
މިނިސްޓަރު މިކަން ހާމަކުރެއްވީ މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު މުއްތަލިބް ވިދާޅުވިގޮތުގައި ތިލަމާލެ ބްރިޖު މަޝްރޫއަށް ގުޅީފަޅު ބޭނުންކުރަމުންދާތީ ގޯތި ހަވާލުކުރުމުގައި ލަސްތަކެއް އައިސްފައިވެއެވެ. ނަމަވެސް މިހާރު ޕްލޭނަށް ބަދަލު ގެނެސް ވީހާވެސް ގިނަ ބަޔަކަށް ވީހާވެސް އަވަހަށް ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން 2438 ގޯތި ދޫކުރަން ކަނޑައަޅާފައިވާއިރު، ހުޅުމާލެއިން 1407 ގޯތި އަދި ގިރާވަރުފަޅުން 5186 ގޯތި ދޫކުރަން ނިންމާފައިވެއެވެ.
މީގެއިތުރުން މިނިސްޓަރު ހާމަކުރެއްވި ގޮތުގައި ގުޅީފަޅުގެ ފެނާއި ނަރުދަމާގެ މަޝްރޫއަށް 400 މިލިއަން ޑޮލަރު ހޭދަވާނެއެވެ. މި މަޝްރޫއަށް ފައިނޭންސް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، ފައިނޭންސް ހަމަޖެހުމާއެކު އެ މަޝްރޫއުވެސް ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.