
ސަރުކާރުގެ ފަރާތުން މި ބިލް މަޖިލިހަށް ހުށައެޅި ކިނބިދޫ ދާއިރާގެ މެމްބަރު އަހުމަދު އަޝްރަގު އެވެ.
ރައީސް މުހައްމަދު މުއިއްޒު ކަނޑައެޅުއްވި ސިޔާސަތު އެކުލަވާލަން ކެބިނެޓްގައި މަޝްވަރާކުރުމަށް ފަހު ކެބިނެޓުން ނިންމީ 2007 އިން ފެށިގެން އުފަންވި އަދި އުފަންވާ ކުދިންގެ ޖީލަށް ދުންފަތް މަނާ ކުރުމަށެވެ.
ރައްޔިތުން މަޖިލިހަށް ހުށައެޅި ބިލުގައިވާ ގޮތުން 1 ޖެނުއަރީ 2007 ގައި ނުވަތަ އެ ތާރީހުގެ ފަހުން އުފަންވެފައިވާ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތްތަކާއި އުފެއްދުން ވިއްކުން މަނާވާނެއެވެ. އަދި އުމުރުން 21 އަހަރު ވެފައިވާ އެއްވެސް މީހަކަށްވެސް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުމަކީ މި ބިލުގައިވާ ގޮތުން މަނާކަމަކަށެވެ. މީގެއިތުރުން އެ އުމުރު ފުރައިގެ އެއްވެސް މީހަކު ދުންފަތް އުފެއްދުމާއި ވިއްކުމުގެ މަރުހަލާގައިވެސް ބައިވެރިކުރުމަކީ މަނާކަމެކެވެ.
ދުންފަތް ވިއްކާ މީހުންގެ ޒިންމާތަކެއް ކަނޑައަޅާ މި ބިލުގައިވަނީ އެ ޒިންމާތައްވެސް ހިމަނާފައެވެ.
ބިލުގައި ހިމަނާފައިވާ ޒިންމާތައް
- ލައިސަންސް އޮވެގެން މެނުވީ ދުންފަތުގެ ބާވަތެެއް ނުވަތަ ދުންފަތުގެ އުފެއްފުމެއް އެއްވެސް ފަރާތަކުން ވިއްކުމަކީ މަނާކަމެއް
- ދުންފަތުގެ ބާވަތްތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް ގަންނަނީ ކާކުކަން ނޭނގޭގޮތަކަށް ، ވެންޑިން މެޝިނަކުން ނުވަތަ ޕޯސްޓްގެ ޒަރީއާއިން ނުވަތަ އޮންލައިންކޮށް ވިއްކުން މަނާ
- ދުންފަތުގެ ބާވަތްތައް ވިޔަފާރިކުރާ ތަންތަނުގައި ދުންފަތް މަނާކުރާ ޖީލުގެ މީހުނަށް އެ ތަކެތި ނުވިއްކޭނެ ކަން އަންގައިދޭ ބޯޑެއް ބަހައްޓަން ވާނެ
- ދުންފަތް ގަންނަން އަންނަ މީހުންގެ އައިޑީކާޑު ބަލައި، ދުންފަތް މަނާކުރާ ޖީލުގެ މީހެއް ކަން ނުވަތަ ނޫންކަން ވިއްކާ ފަރާތުން ޔަގީންކުރަން ޖެހޭ
މި ބިލުގައިވާގޮތުން ދުންފަތް މަނާވާ ޖީލުގެ މީހަކު ދުންފަތް ވިއްކުން ހުއްޓުވުމަށް އަދި އޮންލައިންކޮށް ދުންފަތް ވިއްކާއިރު ކުރަން ޖެހޭ ކަންކަމުގެ ގަވާއިދެއް މިނިސްޓްރީން ހަދަން ޖެހެއެވެ.
މި ބިލުގައިވާ ގޮތުން މި ބިލް ގާނޫނަކަށް ހަދާ އަމަލުކުރަން ފަށާނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރާ ފަރާތްތަކުން ކުރިޔަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އެ ކަމަށް ދޫކުރާ ހާއްސަ ލައިސެންސް ނަގަން ހެލްތް މިނިސްޓްރީން ވަނީ މިމަހުގެ 17 ވަނދުވަހު އަންގާފައެވެ.