
މި އެކްސްޕޯގައި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް ބިބް އަދި ރޭސް ކިޓް ދޫކުރުން ކުރިއަށްދާނެއެވެ. ޑީ.އެފް.އާރގެ ބިބް އެކްސްޕޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 29 އެޕްރީލް އިން 1 މޭ 2025 އަށް ފުވައްމުލައް ސިޓީ ކައުންސިލު އޮފީހުގެ ކުރުނދުމާ މާލަމުގައެވެ.
އެކްސްޕޯގެ ފުރަތަމަ ދުވަހު، 29 އެޕްރީލްގައި މެންދުރު ފަހު 2:30 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް ހުޅުވާލެވޭނެއެވެ. ދެވަނަ ދުވަހު، 30 އެޕްރީލްގައި ހެނދުނު 9:00 އިން މެންދުރު 12:00 އަށް، މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް ހުޅުވާލެވޭނެއެވެ. އެކްސްޕޯގެ ފަހު ދުވަހު، 1 މޭގައި ހެނދުނު 9:00 އިން މެންދުރު 12:00 އަށް އަދި މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް ހުޅުވާލެވޭނެއެވެ. ކޮންމެ ރޭސް ކިޓެއްގައި ވެސް ޓައިމިންގ ޗިޕް އެކުލެވޭ ބިބް، ޓީޝާޓު، ސްޓްރިންގް ބޭގް އަދި ހަތަރު ނަރުދަތި ހިމެނޭނެއެވެ. ރޭސް ކިޓް ހަވާލުކުރެވޭނީ، ދުވުންތެރިޔާގެ އައި.ޑީ ކާޑް ނުވަތަ އޭގެ ފޮޓޯއެއް އަދި ބިބް ނަންބަރު ހުށަހެޅުމުންނެވެ.
ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ މަގުބޫލު ދުވުން ކަމުގައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ މުޅިން އާ އެޑިޝަނެއް ކަމުގައިވާ ދިރާގު ފުވައްމުލައް ރަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 2 މޭ 2025 ވާ ހުކުރު ދުވަހު ފުވައްމުލައް ސިޓީގައެވެ. މި ދުވުމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް www.dfr.mv ވެބްސައިޓަށް ޒިޔާރަތްކުރެވިދާނެއެވެ.