އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެސްއީޒެޑް ގާނޫނަށް ގެނައި ބަދަލުތަކާއެކު، ސަސްޓެއިނަބަލް ޓައުންޝިޕް މަޝްރޫއަށް ރާއްޖެއިން މިހާރު ހުއްދަދީފައިވާކަމަށެވެ. އަދި އެއީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިންގިލާބީ ތަރައްގީގެ ތަސައްވުރު ހާމަވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެސްއީޒެޑްގެ ދަށުން މަޝްރޫއުތައް ހިންގުމުގެ ހުއްދަ ދޫކުރަނީ ބޯޑް އޮފް އިންވެސްޓްމަންޓުންނެވެ. އެ ބޯޑުން ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގުމުގެ ހުއްދަ ދީފައިވަނީ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ހުއްދަ ދީފައިވަނީ، ރާއްޖޭގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކެއް ކުރިއަށްގެންދިއުމަށްކަމަށެވެ.
މި މަޝްރޫއުތަކުގެދަށުން، ދުނިޔޭގެ ފެންވަރުގެ ސިއްހީ ހިދުމަތްދޭ ތަންތަނާއި، ތައުލީމީ ހިދުމަތްފޯރުކޮށްދޭ މަރުކަޒުތައް ތަރައްގީކުރާނެ އެވެ. އަދި މީގެދަށުން ތަރައްގީކުރެވޭ ތަންތަނުގައި މަދުވެގެން %60 އިއާދަކުރަނިވި ހަކަތަ ބޭނުންކުރާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 2028ގެ ކުރިން އޮޕަރޭޝަނަށް ގެނައުމަށެވެ. މި މަޝްރޫއަށް 790 މިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކުރާނެ އެވެ.
އެސްއީޒެޑްގެ ތެރޭގައި މީހުން ދިރިއުޅޭ ޓައުންޝިޕްތައް ވެސް ތަރައްގީކުރެވޭ ގޮތަށް އެސްއީޒެޑްގެ ގާނޫނު އިސްލާހުކުރުމަށް ސަރުކާރުން ހުށަހެޅި ބިލް، ރައްޔިތުންގެ މަޖިލީހުން ފާސް ކުރީ ނޮވެމްބަރު ފަސް ވަނަ ދުވަހެވެ. އެ ގާނޫނު ރައީސް ތަސްދީގުކުރެއްވީ ނިމުނު ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހެވެ.
އެ ބިލުން އެސްއީޒެޑް ގާނޫނަށް ގެނައި އެންމެ ބޮޑު ބަދަލަކީ އެސްއީޒެޑްގެ ގޮތުގައި އުފެއްދޭނެ ސަރަހައްދުތަކަށް ގެނައި ބަދަލެވެ. އެސްއީޒެޑްގެ ގާނޫނުގެ 20 ވަނަ މާއްދާ މިހާރު އޮންނަ ގޮތުން އިގުތިސާދީ ހާއްސަ ސަރަހައްދެއްގެ ގޮތުގައި ގާއިމް ކުރެވޭނީ ސިނާއީ ސަރަހައްދުތަކެވެ.
ނަމަވެސް ރައީސް ތަސްދީގުކުރެއްވި ބިލުގައި އޮތީ އެ މާއްދާއަށް ނަންބަރެއް އިތުރުކޮށް، "ސަސްޓެއިނަބަލް ޓައުންޝިޕް"ގެ ނަމުގައި ކެޓަގަރީއެއް އިތުރު ކުރުމަށެވެ.
ބިލުގައި އޮތްގޮތުން، ސަސްޓެއިނަބަލް ޓައުންޝިޕްގެ ގޮތުގައި ގާއިމްކުރާ ސަަރަހައްދުގައި އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީ ކުރުމުގެ އިތުރުން ރިއަލް އެސްޓޭޓް ވިޔަފާރި ވެސް ކުރެވޭނެ އެވެ. އަދި އެ ދެ ބާވަތުގެ ވަސީލަތްތަކާއެކު ގާއިމްކުރާ އެ ސަރަަހައްދު މެނޭޖް ކުރާނީ އެއް މެނޭޖްމަންޓަކުން ކަމަށް އެ ބިލްގައިވެ އެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގޮތުގައި އުފެއްދޭނީ ކޮން ބާވަތްތަކެއްގެ މަސައްކަތްތަކެއް ހިންގާ ސަރަހައްދުތަކެއް ކަން ކަނޑައަޅަން އެސްއީޒެޑް ގާނޫނުގެ 20 ވަނަ މާއްދާ ކުރިން އޮތްގޮތުން ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގޮތުގައި އުފެއްދޭނީ އަށް ބާވަތެއްގެ އެސްޓެބްލިޝްމެންޓް ތަކެވެ.