ads
ރައީސް ޑރ. މުއިއްޒު
ކޮރަޕްޝަނާ ދެކޮޅަށް އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން މުހިންމު: ރައީސް
ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން މުހިންމު ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަހާ ގުޅުވައި ރައީސް ފޮނުއްވި މެސެޖުގައި ވިދާޅުވީ، ގައުމުގެ މުސްތަގުބަލު ބިނާކުރުމުގައި ރާއްޖެ ސާބިތުވެ އޮތީ ހާމަކަން ބޮޑު، ދެފުށްފެންނަ ނިޒާމެއްގެ އިތުރުން، ޖަވާބުދާރީކުރުވުމާއި ނަޒާހާތްތެރިކަމަށް ހާއްސަ އަހަންމިއްޔަތުކަމެއް ދޭ ގަައުމެއްގެ ގޮތުގައި ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ، 2007 ވަނަ އަހަރު އދ.ގެ ކޮންވެންޝަން އަގެއިންސްޓް ކޮރަޕްޝަން (ޔޫއެންސީއޭސީ)ގައި ރާއްޖެއިން ބައިވެރިވުމަކީ، މިކަމަށް ދިވެހިރާއްޖެއިން ދޭ އަހަންމިއްޔަތުކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ. އަދި މި މުޢާހަދާގެ އުސޫލުތައް ދެފުށް ފެންނަ ގޮތެއްގައި ދަމަހައްޓަން ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އިޖްތިމާއީ ޒިންމާދާރުކަމާއި، ބައިނަލްއަގުވާމީ ގުޅުންތައް އިތުރަށް ބަދަހިކުރުމުގައި، މަދަނީ ޖަމްޢިއްޔާތަކާއި، ޔޫ.އެން.ސީ.އޭ.ސީ.ގެ ރިވިއު މެކޭނިޒަމްތަކުގެ ތެރެއިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަށްޓަކައި ރައީސްގެ މެސެޖުގައި ޝުކުރު އަދާކުރެއްވި އެވެ. 

"ނަމަވެސް މިކަމުގައި ހަމައެކަނި ސަރުކާރުން އަޅާ ފިޔަވަޅުތަކަކުން ފުއްދާލެވެން ނެތްކަމަށާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގައި އަމިއްލަ ފަރުދުންނާއި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް" ރައީސް ފާހަގަކުރެއްވި އެވެ.

އެ މަނިކުފާނު ވަނީ، ގަައުމަށް އަމާނާތްތެރިވުމާއި، އިހުލާސްތެރިވުމާއި، ދެފުށް ފެންނަ އުސޫލުތައް ދެމެހެއްޓުމަކީ، ގަައުމުގެ އެންމެން ގުޅިގެން އަދާކުރަންޖެހޭ ވާޖިބެއްކަން ފާހަގަކުރައްވައިފަ އެވެ. އަދި ނަޒާހަތްތެރިކަމާއި، ޑިމޮކްރެޓިކް ވެރިކަން ހަރުދަނާކޮށް، ގާާނޫނުގެ ވެރިކަން ނަގަހައްޓައި، ހަމަހަމަކަމާއެކު އަދުލު އިންސާފު ގާއިމުކުރާ ގައުމެއްގެ ގޮތުގައި މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެކަމަށް ރައީސް ވިދާޅުވި އެވެ.

ކޮންމެ އަހަރެއްގެވެސް ޑިސެންބަރު މަހުގެ 9 ވަނަ ދުވަހަކީ، ބައިނަލްއަގުވާމީ ގޮތުން ދުނިޔޭގައި ފާހަގަކުރެވޭ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ދުވަހެވެ. މިއީ އ.ދ. ގައި ރިޒޮލިއުޝަނުން ކަނޑައަޅާފައިވާ ދުވަހެކެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް