ads
ގެވެށި އަނިޔާގެ ޝިކާރައަކަށްވެއްޖެނަމަ ރިޕޯޓްކުރޭ!
ގެވެށި އަނިޔާގެ ގާނޫނު ތަންފީޒުކުރަން ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި: އެފްޕީއޭ
ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނަށް އަށް އަހަރު ފުރޭއިރު އަދިވެސް ގާނޫނު ފުރިހަމައަށް ތަންފީޒުކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއިން ބުނެފިއެވެ.

އެފްޕީއޭން މިއަދު ނެރުނު ބަޔާނެއްގައި އާންމުކޮށްފައިވާ މައުލޫމާތުތަކުގައިވާ ގޮތުން މިދިޔަ އަހަރު ޖުމުލަ 541 ގެވެށި އަނިޔާގެ މައްސަލައެއް ހުށައެޅިފައިވެއެވެ. މީގެތެރޭގައި އެއްބާވަތަށް ވުރެ ގިނަ އަމަލު ހިމެނޭ މައްސަލަތައް ގިނަކަމަށް އެއިދާރާއިން ބުނެއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުން، އަނިޔާގެ ޝިކާރައަކަށްވި 359 އަންހެނުންނާއި 180 އަންހެން ކުދިން ހިމެނެއެވެ. އަދި 133 ފިރިހެން ކުދިންނާއި 50 ފިރިހެނުން ހިމެނެއެވެ.

އެންމެ ގިނައީ ބަހުގެ ހަމަލާތަކާއި ނަފްސާނީ ގޮތުން ކުރާ އަނިޔާކަމަށް އެއިދާރާއިން ބުނެއެވެ. މީގެ 416 މައްސަލައެއް މިދިޔަ އަހަރު ހުށައެޅިފައިވެއެވެ.

މީގެއިތުރުން ޖިސްމާނީ އަނިޔާ ކުރުމުގެ 376 މައްސަލައެއް، ބިރުދެއްކުމުގެ 255 މައްސަލައެއް، 114 ޖިންސީ އަނިޔާ ކުރުމުގެ މައްސަލައެއް، ގޯނާ ކުރުމުގެ 153 މައްސަލައެއް، އަދި ކުޑަކުދިން ކުރިމަތީ ގެވެށި އަނިޔާ ކުރުމުގެ 156 މައްސަލައެއް ހުށަހެޅިފައިވާ ކަމަށް އެއިދާރާއިން ބުނެފައިވެއެވެ.

ރާއްޖޭގައި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު ތަސްދީގުކޮށް ގާނޫނަކަށްވެފައި ވަނީ 23 އޭޕްރިލް 2012 ގައެވެ.

އެފްޕީއޭއިން ބުނެފައިވާ ގޮތުގައި އަދިވެސް ގާނޫނު ފުރިހަމައަށް ތަންފީޒުކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. މިގޮތުން އެކަށީގެންވާ ވަަރަށް ފަންނީ މީހުން ނެތުމާއި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ހާއްސަ ވެލްފެއާ ސްކީމެއް ނެތްކަން ފާހަގަ ކޮށްފައިވެއެވެ.

އަދި ރާއްޖޭގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފު ހޯދައިދިނުމުގައި އަދިވެސް ގޮންޖެހުންތަކެއް ކުރިމަތިވާކަމަށް އެއިދާރާއިން ބުނެފައިވެއެވެ.

މިފަހުން ރާއްޖޭގައި ގިނަ ބަޔެއްގެ ސަމާލުކަމެއް ލިބުނު މައްސަލައެއް ކަމަށްވާ ޒިޔާދާ ނައީމްގެ މަރުގެ މައްސަލާގައި ވެސް ފަސް އަހަރު ވީއިރު އިންސާފު ހޯދިފައެއް ނުވެއެވެ.

2015 ވަނަ އަހަރު ގދ ތިނަދޫގައި ޒިޔާދާ މަރުވެފައިވަނީ އޭނާގެ ކުރީގެ ފިރިމީހާ އިބްރާހިމް ޝާހުގެ ފަރާތުން ލިބުނު އަނިޔާތަކަކުންނެވެ. މި މައްސަލާގައި ދައުލަތުން ޝާހް އާ ދެކޮޅަށް ހަތަރު ދައުވާއެއް ކުރި ނަމަވެސް އެއިން އެއްވެސް ދައުވާއެއް ސާބިތު ނުވާކަމަށް މިދިޔަ އަހަރު ކުރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ. އެމައްސަލަ މިހާރުވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް