ads
ރައީސް މުއިއްޒު މެލޭޝިއާގައި
މުސްލިމުންގެ "ރަން ޒަމާން" އަލުން ގެނައުމަށް ރައީސް މުއިއްޒު ގޮވާލައްވައިފި
މުސްލިމުންގެ "ރަން ޒަމާން" އަލުން ގެނައުމަށް މުޅި އިސްލާމީ އުންމަތް ގުޅިގެން މަސައްކަތްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
Advertisement

ރައީސް މިގޮތަށް ގޮވާލެއްވީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އިން އެމަނިކުފާނަށް އޮނަރަރީ ޑޮކްޓަރޭޓެއް އެރުވުމަށް ފަހު ދެއްވި ތަގުރީރުގައެވެ. "އިންޓެލެކްޗުއަލް ރެނަސާންސް: އަންވެއިލިން ދަ ސައިންޓިފިކް އެންޑް މޮޑަން ޑިވެލޮޕްމަންޓް އޮފް އިސްލާމިކް ސިވިލައިޒޭޝަން" ގެ ސުރުހީގެ ދަށުން ދެއްވި ތަގުރީރުގައި ރައީސް ވިދާޅުވީ އިސްލާމީ ހަޟާރާތުން ކުރިން ހޯދާފައިވާ ކާމިޔާބިތަކަށް އިހުތިރާމުކޮށް، ސައިންޓިފިކް ރޮނގުން މުސްލިމުން އޭރު ހޯދި ކާމިޔާބީތައް އަލުން އާލާކޮށް، ދިރުވޭނެ މަގަކަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ މީލާދީން 8 ވަނަ ގަރުނުން ފެށިގެން 14 ވަނަ ގަރުނަށް ދެމިގެންދިޔަ އިސްލާމީ އުންމަތުގެ "ރަން ޒަމާން" އަކީ ދުނިޔޭގެ އިލްމާއި އީޖާދުތަކުގައި މުސްލިމުން އެންމެ ކާމިޔާބު ދުވަސްވަރު ކަމަށެވެ. އެ ޒަމާނުގައި އިލްމު ހާސިލުކުރުމަކީ މުގައްދަސް ވާޖިބެއް ކަމުގައި ބެލެވުނު ކަމަށާއި، އޭރު މުސްލިމުން ސައިންސާއި ފަލްސަފާއާއި ބޭސްވެރިކަމާއި އިންޖިނިއަރިން އަދި އަހުލާގީ ގޮތުން ވެސް ދުނިޔެ ލީޑުކުރި ކަމަށް ރައީސް ވިދާޅުވިއެވެ. އިސްލާމްދީނަކީ ހަމައެކަނި އީމާން ކަމުގެ ދީނެއް ނޫން ކަމަށާއި، އެއީ ފުރިހަމަ އަދި ހަމަހަމަ ދިރިއުޅުމުގެ ނިޒާމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ޒަމާނީ ކުރިއެރުން ހޯދުމުގައި ޒުވާނުން ބައިވެރިކުރުމަށް ރަނގަޅު ސިޔާސަތުތަކެއް ކަނޑައަޅަން ޖެހޭ ކަމަށާއި، އެކަން ހާސިލްކުރުމަށް ދުނިޔޭގެ ފެންވަރުގެ ޔުނިވަސިޓީތަކާއި ރިސާޗު ސެންޓަރުތައް އަދި ޑިޖިޓަލް ޕްލެޓްފޯމްތަކަށް އިންވެސްޓްކުރުމަށް ރައީސް ގޮވާލެއްވިއެވެ. ސައިންސާއި އީމާންތެރިކަމާ ދެމެދު ފުށުއަރާ ކަމަށް ބުނާ ގޯސް ހިޔާލުތަކާ ދެކޮޅު ހައްދަވައި، ދުނިޔޭގެ ކުރިއެރުމުގައި އެ ދެކަންތައް ވެސް ވަނީ ގުޅިލާމެހިފައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މުސްލިމު ގައުމުތައް ގުޅިގެން ރިސާޗު ހަބްތައް ހެދުމަށާއި އީޖާދީ ވިސްނުންތައް ތަރައްގީކޮށް، މައުލޫމާތު ބަދަލުކުރުމަށް އެއްބާރުލުން ދިނުމަށް ރައީސް ގޮވާލެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް