
މިހާރުގެ ޗެއާޕާސަންގެ ދައުރު އަންނަ ޖޫން މަހުގެ 19 ވަނަ ދުވަހު ހަމަވާތީ، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާ ކަމަށް އެ އޮފީހުން ބުނެ އެވެ.
މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ތިން ބޭފުޅަކު ޝޯޓްލިސްޓް ކުރުމަށްފަހު، އެ ފަރާތްތަކުގެ ޝަރުތު ފުރިހަމަވޭތޯ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ބަލައި ޔަގީން ކުރާނެ އެވެ. އަދި ޗެއާޕާސަން އައްޔަންކުރާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ. މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި، ވިޔަފާރި، އިގްތިސާދީ ނުވަތަ ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރުގެ ތައުލީމު ހާސިލުކޮށްފައިވުމާއި، ޕެންޝަން ނުވަތަ އިންވެސްޓްމަންޓްގެ ދާއިރާގެ ތަޖުރިބާ ހުރުން ހިމެނެއެވެ.
މި މަގާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ޖޫން މަހުގެ 7 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެ އެވެ. މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރުންގެ މަސްއޫލިއްޔަތުތަކާއި، ޒިންމާ ހިމެނޭ ޓާރމްސް އޮފް ރެފަރަންސް އެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ އެވެ. މި މަގާމަށް ގާބިލު ފަރާތެއް ހޮވުމަކީ ރާއްޖޭގެ ޕެންޝަން ނިޒާމު ހަރުދަނާކޮށް، މުސްކުޅިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެ އެވެ.
ޕެންޝަން ބޯޑުގައި މިވަގުތު ހަތް މެންބަރުން ތިއްބަވަ އެވެ. އެ ބޯޑުގެ ޗެއާޕާސަނަކީ ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒެވެ. ޕެންޝަން އޮފީހުގެ ބޯޑްގެ މެންބަރުންގެ ދައުރަކީ މަގާމާ ހަވާލުވާ ތާރީހުން ފެށިގެން ތިން އަހަރު ދުވަހުގެ މުއްދަތެވެ.