
ދެ ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ބައްދަލުވުން ނިމޭނީ 9 މެއި 2025 ވަނަ ދުވަހު އެވެ. ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީހަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ.
ޔޫޕީއާރު ވަރކިން ގްރޫޕުން މި ބައްދަލުވުމުގައި 14 ގައުމެއްގެ އިންސާނީ ހައްގުތަކުގެ ހާލަތު ވަޒަންކުރާނެ އެވެ. މި ގައުމުތަކުގެ ތެރޭގައި އަރުމީނިއާ، ގްރެނާޑާ، ގިނީ، ގިނީ-ބިސާއު، ގަޔާނާ، ކެންޔާ، ކިރިބާސް، ކުވެއިތު، ކިރްގިޒްސްތާން، ލާއޯ ޕީޕަލްސް ޑިމޮކްރެޓިކް ރިޕަބްލިކް، ލެސޯތޯ، ސްޕެއިން، ސްވީޑެން އަދި ތުރުކިޔޭ ހިމެނެއެވެ. ރާއްޖޭގެ ވަފުދުން މި ބައްދަލުވުމުގައި ބައިވެރިވެ، ދިވެހި ސަރުކާރުގެ މުހިންމު ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބިނާކުރަނިވި އިސްލާހުތަކެއް ރިވިއު ކުރެވޭ ގައުމުތަކަށް ހުށަހަޅާނެ ކަމަށް އޮފީހުން ބުނެއެވެ.
މިހާރު ހިނގަމުންދާ 49 ވަނަ ބައްދަލުވުމަކީ 2022 ވަނަ އަހަރުން ފެށިގެން 2027 ގެ ނިޔަލަށް ކުރިއަށްދާ ޔޫޕީއާރު ގެ ހަތަރުވަނަ ރިވިއު ސައިކަލްގެ ބައެކެވެ. ކޮންމެ ރިވިއުއަކަށް ތިން ގައުމެއްގެ މައްޗަށް އެކުލެވޭ 'ޓްރޮއިކާ' އެއް ކަނޑައެޅިފައިވާނެ އެވެ. މި ފަހަރުގެ ބައްދަލުވުމުގައި ރާއްޖެއަކީ ކިރްގިޒްސްތާންގެ ރިވިއުއަށް ކަނޑައެޅިފައިވާ ޓްރޮއިކާގެ މެމްބަރެކެވެ. ރާއްޖޭގެ ވަފުދުގައި ޑރ. ސަލްމާގެ އިތުރުން ކައުންސެލަރ އާދަމް ހާމިދު، ކައުންސެލަރ އާމިނަތު ޝިފާޔާ އިބްރާހީމް، ސެކަންޑް ސެކްރެޓަރީ އާއިޝަތު ރަޔާހީން އަދި އެޓާޝޭ މުހައްމަދު ރާއިދު ސައީދު ހިމެނިވަޑައިގަންނަވަ އެވެ.