
މީޑިއާއަށް ދިން ބަޔާނެއްގައި ރިޒްމީ ބުނީ ރަށުގެ ބައެއް މީހުން ޒަކިއްޔާގެ ފިރިމީހާ މުހައްމަދު ރަޝީދު އުމަރަށް ދޮގު ތުހުމަތުތައް ކުރުމާއި ފުރައްސާރަ ކުރުން ހައްދުފަހަނައަޅާފައިވާ ކަމަށެވެ.
ރިޒްމީ ބުނެފައިވަނީ މަގުމަތިން ގްރޫޕު ހަދައިގެން އޭނާގެ ބައްފައާ ދިމާކޮށް އިންޒާރު ދެމުންދާ ކަމަށާއި، މީގެ ސަބަބުން ޒަކިއްޔާގެ ދޮށީ ދަރިފުޅު މޫސާ ރިޒްމީ އޭނާގެ އަންހެނުންނާއި ދަރިފުޅާއެކު ރަށުން ބަދަލުވެފައިވާ ކަމަށެވެ. އަދި ރަށުގައި ހުންނަން އުނދަގޫވެގެން މުހައްމަދު ރަޝީދު ވެސް ރަށާއި މާލެއާ ދޭތެރޭގައި ދަތުރުކުރަން ފެށިކަމަށް ރިޒްމީ ބުންޏެވެ. ރޭގައި ވެސް މުހައްމަދު ރަޝީދު ރަށުގައި އުޅެނިކޮށް ގްރޫޕަކުން ގޮސް ފުރައްސާރަކޮށްފައިވާ ކަމަށް ރިޒްމީ ބުނެފައިވެއެވެ.
ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު، އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިންނެވެ. ރިޒްމީ ބުނީ ޒަކިއްޔާ ނިޔާވުމުގެ ދުވަސްކޮޅެއް ކުރިން ނަފްސާނީ ގޮތުން އުނދަގޫވެގެން މާލެ އައިސް ޑޮކްޓަރަށް ދެއްކި ކަމަށާއި، ނަފްސާނީ ބަލިތަކަށް ބޭސްކުރަމުން ދިޔަ ކަމަށެވެ. ފުލުހުން ވެސް ބުނެފައިވަނީ ޒަކިއްޔާގެ މަރާ ގުޅިގެން އެއްވެސް މީހަކަށް ތުހުމަތެއް ނުކުރެވޭ ކަމަށެވެ.