
ފަނޑުގޮތަކަށް ފިޒާގެ ދުލުން ނިކުތް އިޒްނަ ތާބިޝްގެ ހިތް ތަޅުވާލި އެވެ. ދިރިހުރިކަމުގެ ވިންދަކުން ހިތް ނަށާލި އެވެ. ލިބުނު އުފަލުގައި ތާބިޝްގެ ދެ ލޯ ފެންކަޅިވި އެވެ. އެއީ އުފަލުގެ ކޮޅެއް ނެތްކަމުގެ ހެއްކެއްގެ ގޮތުގަ އެވެ.
"އަހަރެން ބުނަންދެން ދެ ލޯ މަރައިލާ.. އަހަރެންގެ އިޒްނައާއި ނުލައި ލޯ ނުހުޅުވައްޗޭ..! މި ފަސްމިނެޓަކީ އަހަރެންގެ ހަޔާތުގެ އެންމެ އުފާވެރި ފަސްމިނެޓްކަމަށް ހީކޮށްލާ! ޓްރަސްޓް މީ ބޭބީ..! ހަޔާތުގައި ދުވަހަކު އުފަލެއް ނުލިބުނަސް، ޝައުވާއެއް ނުކޮށް ނޭވާލެވޭނެ ވަރުގެ ހަނދާންތަކެއް މި ފަސްމިނެޓްގެތެރޭގައި އަހަރެން ރައްކާކުރާނަން..! މިއަށްވުރެން ބޮޑުކަމެއްގައި ފިޒާގެ ކިބައިން ނޭދޭނަން..!" މަޑުމަޑުން ތާބިޝް ބުނެލިއިރު ފިޒާގެ ދެ ލޯ މަރައިލާފި އެވެ. ހިތުން ރުހުމުން ތާބިޝްގެ އެދުމަށް އިޖާބަދިނީ އެވެ.
ފިޒާގެ ކުރިމަތީގައި އިނދެފައި ތާބިޝް ތެދުވި އެވެ. ހިނދުކޮޅަކުން ދެން އިވުނީ ބަރު ފަރުނީޗަރެއްފަދަ އެއްޗެއް ދަމާލިއަޑެވެ. ޝައުގުވެރިކަމާއެކު ފިޒާ ވިސްނާލި އެވެ. ދޮރެއް ހުޅުވުނު އަޑާއި، ތަފާތު ފިނިކަމެއް ފިޒާގެ ގައިގައި ބީހިލީ ތަފާތު އިހްސާސަކާއެކު އެވެ. ވާނުވާއެއް ނޭގިފައި ހުއްޓައި ލުއިކަމާއެކު ތާބިޝްގެ އަތްމަތީ ފިޒާ އުފުލާލީ އެވެ.
"ޖަސްޓް ވަން މޯ މިނެޓް ޕްރިންސެސް..!" ފިޒާގެ ކަންފަތް ބުޑުގައި ތާބިޝް ބުނެލި ވަގުތު، ތާބިޝްގެ ތުންފަތް ފިޒާގެ ތުނިތުނި ކޯތާފަތުގައި ބީހިގެން ދިޔަ އެވެ. މުޅިން ގައިން ހީބިހި ހިލުވާލީ ހަށިގަނޑުގައި އަހަރުތަކެއް ވަންދެން ނިދާފައިވި،، އެތައް ހިއްސަކަށް ދިރުން ގެނުވަމުންނެވެ.
ބިންމަތީގައި ފިޒާ ބަހައްޓައިލީ ފަރުވާތެރިކަމާއެކު އެވެ.
"އައި ލަވް ޔޫ ޕްރިންސެސް... އައި ލަވް ޔޫ ސޯމަޗް.. ދެން ލޯ ހުޅުވާލާ..!" ފިޒާގެ ފުރަގަހުން ބައްދާލަމުން ތާބިޝް ބުނެލީ ހަސްކީ އަޑަކުންނެވެ.
މަޑުމަޑުން ފިޒާ ދެ ލޯ ހުޅުވާލި އެވެ. ލޮލުގެ އެސްފިޔަތައް ނުހަނު އަވަސް ހަރަކާތަކާއެކު ތަޅުވާލި އެވެ. ފެންނަނީ ހުވަފެނެއް ނޫންކަން ޔަގީންކުރަން ބޭނުންވި އެވެ. ހުރެވުނީ ހަމަބިމުގައިތޯ ބަލައިލާން ފިޒާގެ ފަޔަށް ބަލައިލި އެވެ. ހުޅުވިފައިވާ އަނގަމަތީގައި އަތް އަޅަން ހަނދާންވީ މާފަހުންނެވެ.
"ތާބީޝް... މީ..؟ މީ... އަހަރެން... އަހަރެންގެ.." ފިޒާއަށް އެންމެ ޖުމުލައެއްވެސް ފުރިހަމަ ނުކުރެވުނެވެ.
"ޔެސް ބޭބީ..! މިއީ ފިޒާގެ ހުވަފެން.. އެކަމަކު ލޯކުރިމަތީން ތިޔަ ފެންނަނީ ހަމަ ހަގީގަތް..! ތިޔަ ހުރެވުނީ ފިޒާގެ އުއްމީދީ ހުވަފެނުގެ ތެރޭގައި..! އަހަރެންގެ ޕްރިންސެސްގެ ހުވަފެން ހަގީގަތަކަށް ހަދައިދިނީ، ފިޒާއަށްޓަކައި މިހިތުގައި އޮތް ފަނޑުވުމެއް ނެތް ލޯބި..!" ތާބިޝްގެ ފެންކަޅިވެފައިވާ ލޮލުން ފެންނަމުންދިޔައީ ތެދުވެރިކަމެވެ. ފިޒާގެ ލޯތްބަށްޓަކައި އެހިތުގައި އޮތް ދަހިވެތިކަމެވެ. ނުވަތަ ކެތްތެރިކަން ކުޑަވެފައިވާ އުއްމީދުގެ އަލިކަމެވެ.
ފިޒާއަށް ހުރެވުނީ، ތިންއަހަރު ކުރީން، ތާބިޝްއަށް ހުށަހެޅި ފިޒާއާއި ތާބިޝްގެ ހުވަފެނީ ކޮޓަރީގަ އެވެ. ފިޒާގެ ކޮންމެ ޝަރުތެއް ފުރިހަމަކޮށްފައިވާނެކަމާއިމެދު ޝައްކުކުރާނެ ޖާގައެއް ނެތެވެ. ކޮންމެ ދިމާއަކުން ފެނުނީ ހިތްގައިމުކަމެވެ. ހުދާއި ކްރީމްކުލައިގެ ސާދާ ކަމެވެ. ކޮޓަރިތެރޭގައި އެނބުރިލާފައި ވަށައިގެން ފިޒާ ބަލައިލި އެވެ.
"ލައިބްރަރީ އެހުރީ، ރައިޓް ސައިޑްގައި..!" ތާބިޝް އިޝާރާތްކޮށްލުމުން ފިޒާ ހިނގައިގަތީ ލައިބްރަރީ އަށެވެ.
ހިތްގައިމުކަމުގެ ނަމޫނާ ލައިބްރަރީއެކެވެ. ކިއުމާއި ލިޔުމާއި ދިރާސާކުރުމާއި ހިމޭން ވަގުތުކޮޅެއް ހޭދަކޮށްލުމަށް އެއަށްވުރެން ވަކި، އަމާން މަންޒިލެއް ނުވާނެކަން ފިޒާއަށް ޔަގީނެވެ. ލައިބްރަރީއާއި އިންވެގެން، ވޯމްލައިޓުން ދިއްލާލާފައިވާ ދިމާއަކަށް ފިޒާ ބަލައިލި އެވެ.
"ނަމާދުކޮޓަރި..!" ތާބިޝް ބުނެލި އެވެ.
ދުވެލާފައި ފިޒާ ދިޔައީ އެނާގެ އެންމެ މަގުބޫލު މަންޒިލް ދެކިލުމަށެވެ. ތެދެކެވެ. ގިބްލައަށް ތައްޔާރުކުރެވިފައި ވަނީ ހިތްގައިމުކަމާއި ފުރިހަމަކަމުގެ ނަމޫނާ އެކެވެ. ނަމާދުކުރާ ސާމާނާއި ހަތިމާއި ދީނީ ދަރުސްތައް ހިމެނޭ މަޖައްލާތަކާއި އަދިވެސް އެތައް ދުއާ ފޮތެއް ފިޒާ ބަލައި، އެ ފޮތްތަކުގައި ފިރުމާލި އެވެ. ކޮންމެ ދިމާއަކުން ފެނުނީ ތަރުތީބުކަމާއި ފުރިހަމަ ފަރުމާގެ ޗާލުކަމެވެ. ނަމާދުކޮޓަރިއަށް އެންމެ ބޮޑު ފުރިހަމަކަމެއް ލިބުނީ ރަންކުލައާއި ކަޅުފެހިކުލަ ބޭނުންކޮށްގެން ތާބިޝްގެ އަތު ލިޔުމުން އަރަބީން ލިޔެފައިވާ، ކުރުސިއާއި، 'މާޝާﷲ ލާގުއްވަތަ އިއްލާ ބިއްލާހި'އެވެ. ފިޒާގެ ލޮލުން ވެއްޓުނު ކަރުނަތިކި މިފަހަރު ހިމާޔަތްކުރީ ތާބިޝް އެވެ.
"ނޮޓް ނައު!" ތާބިޝްގެ ބޯ ދެފަރާތަށް ހޫރުވާލަމުން، ކަރުނައަށް އިންކާރުކުރި އެވެ.
"ތެންކިއު.. ތެންކިއު ސޯ މަޗް" އިހްތިޔާރަކާއި ނުލައި ތާބިޝްގެ ކަނދުރާގައި ފިޒާގެ ދެއަތުން ވަށައިލި އެވެ. ގުޑުވާލަން ނޭގިފައި އިރުކޮޅަކު ހުރުމަށްފަހު، ފިޒާގެ ގައިގައި ތާބިޝް ބައްދާލީ ނުހަނު ލޯބިންނެވެ.
"އަދި ނިމުނީއެއް ނޫން.. ބެލްކަނި ބަލާލަންވާނެ.." ފިޒާގެ ބުރަކަށީގައި ފިރުމާލަމުން ތާބިޝް ބުންޏެވެ. މިފަހަރުވެސް ފިޒާ ގެންދިޔައީ ތާބިޝްގެ އަތްދަނޑިމަތީ އުފުލާލައިގެންނެވެ.
"ވައޮ"
ބެލަކަނީގެ ބިއްލޫރި ބޮޑު ދޮރު ހުޅުވާލުމާއެކު ފިޒާ ބުނެލި އެވެ. ފިޒާގެ ސިފަކުރުންތަކުގައި ތާބިޝް ކުލަޖައްސާލާފައިވަނީ އެންމެ އަކުރެއްވެސް އުނި ނުކޮށެވެ. ފުރިހަމަ ބެލްކަނީގެ އުނދޯލީގައި ފިޒާ އިށީނެވެ. ހިނިއައިސްފައި ބަލަހައްޓައިގެން ހުރި ތާބިޝްއަށް އިޝާރާތްކޮށްލުމުން ފިޒާގެ ގާތުގައި އިށީނެވެ.
އެއްޗެއް ބުނަން ފިޒާ އަނގަހުޅުވާލާފައިވެސް އިސްޖަހައިލި އެވެ.
"ދެތިން ފިޔަވަޅުން އަހަރެން ފިޒާ ގެނެސް މިތަނަށް ވެއްދިގޮތަކާއިމެދު ދޯ ތި ވިސްނަނީ..؟" ހައިރާންވެފައި ފިޒާއަށް ބަލައިލެވުނީ ތާބިޝްގެ މޫނަށެވެ.
އެއި ތާބިޝްގެ ހުނަރެކެވެ. ފިޒާގެ ސިކުނޑީގައި އޮންނަ އެއްޗެއް ދެނެގަތުމަކީ ތާބިޝްގެ އުފަލެކެވެ.
"ފިޒާގެ ވޯޑްރޯބް އެހުރިތަނުން ދުރަށް ޖައްސާލީމާ، މި ކޮޓަރިއަށް ވަންނަ ދޮރު ފެންނާނެ..!" މި ކޮޓަރިއަށް ވަދެވޭނީ ހަމައެކަނި އަހަރުމެން ދެމީހުންނަށް.. ސާފުކުރަންވެސް މިތަނަށް އެހެން މީހަކަށް ވަދެވޭނީ ހަމައެކަނި ފިޒާގެ ހުއްދަ ލިބިގެން.. މިއޮތް ހުރިހައި ދުވަހު މިތަން ސާފުކުރުމާއި ބެލެހެއްޓުމަކީ އަހަރެންގެ ޒިންމާއެއް..! މިގޭ އެއްވެސް މީހަކަށް މިކޮޓަރި އަދި ދުވަހަކުވެސް ފެނިފައެއް ނުވާނެ... މިއީ އަހަރެންގެ އެންމެ މަގުބޫލް މަންޒިލް..! ފިޒާ ބޭނުންކޮންމެ ވަގުތަކު މިތަނަށް ވަދެވޭނެ.." ފިޒާގެ ލޮލަށް ބަލައިލަމުން ތާބިޝް ބުންޏެވެ. އަދަބުވެރިކަމާއެކު ފިޒާ ބޯޖަހައިލީ ކޮށްދީފައިވާ މަސައްކަތަށް ޝުކުރުވެރިވަމުންނެވެ.
ފުރަގަހަށް އަތް ގެންގޮސް، ދެމީހުންގެ ދުރުމިން ތާބިޝް ގާތްކޮށްލި އެވެ. ހަމަ އެސިކުންތުގައި ތާބިޝްގެ މޭގައި ފިޒާ ބޯ އަޅައިލި އެވެ.
"ފިޒާއާއެކު ދެން މިތަނަށް ވަންނާނީ އަހަރެންގެ ޕްރިންސެސް އަހަންނަށް ލިބުނު ދުވަހަކުން" ފިޒާގެ އަތް ގެނެސް ތާބިޝްގެ ތުންފަތުގައިޖައްސައި ކިސްކޮށްލަމުން ބުންޏެވެ.
ތާބިޝްގެ ހިތުގެ ރިހުން ފިޒާ ގާތުގައި ހާމަކުރާކަށް ނުޖެހެއެވެ. ހިތްދަތި ބެލުމަކުން ފިޒާގެ ލޮލަށް ބަލާލާފައި ތާބިޝްގެ ޖީބުން ނެގީ ތަޅުދަނޑިފައްޗެކެވެ.
"މިއީ ފިޒާގެ އަމާނާތެއް.." ފިޒާގެ އަތަށް ތަޅުދަނޑިލައިދެމުން ތާބިޝް ބުންޏެވެ.
"ތެންކިއު" ހިތުގެ އަޑިން ފިޒާ ޝުކުރު އަދާކުރި އެވެ.
ދެއަތުން ފިޒާގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލާފައި ތާބިޝްއާއި ގާތްކޮށްލި އެވެ. އެކަކު އަނެކެއްގެ ނޭވާގެ ހޫނުކަންވަނީ އެކުވެފަ އެވެ. ވައިރޯޅިއަކަށްވެސް އެދެމެދަށް ނުވަދެވޭހާ ގާތަށެވެ. ކެތްނުވާވަރު ބާރުގަދަ ޖަޒްބާތުގެ އަސަރުގައި ފިޒާގެ އެސްފިޔަތައް ލައްޕާލާފައި ދެ ތުންފަތް ތުރުތުރު އަޅުވާލި އެވެ.
އަހަރުތަކަކަށްފަހު ކަރުހިއްކުން ފިލުވާލަން ބޭނުންވެގެން ލޯބީގެ އެންމެ ފުން އިހްސާސްތަކުގައި ބާރަށް ވިންދު ޖަހަންފެށީ އެވެ. ލޯމެރިފައި، ތާބިޝްގެ ޖާދޫގައި ޖެހިފައި ފިޒާއިނީ ތާބިޝް ބޭނުންވި ކޮންމެ ކަމަކަށް ހިތުން ރުހުމުން އިޒުނަ ދީގެންނެވެ. ޖެހިލި މަޑުމަޑު ވައިރޯޅިއާއެކު ކުއްލިޔަކަށް ފިޒާގެ އެސްފިޔަތައް ދުރުކޮށްލި އެވެ.
އުއްމީދުކުރީ ދެތުންފަތު މީރުކަމަށެވެ. ނަމަވެސް ތާބިޝްގެ ތުންފަތް ކިރިޔަ ކިރިޔާ ބީހިލީ ފިޒާނެ ނޭފަތުކުރީގަ އެވެ. ދެ ލޯ ބޮޑުކޮށްލެވުނެވެ. ސިކުންތެއްގެ ތެރޭގައި ހިނގާއެދިޔަ ކަންތައް ފިޒާއަށް ގަބޫލެއް ނުކުރެވުނެވެ. އެތައް ސުވާލަކާއެކު ތާބިޝްގެ ލޮލަށް ބަލައިލި އެވެ.
"ލެޓްސް ގޯ..!!" އަތުގައި އޮތް ގަޑިއަށް ބަލާލާފައި ތާބިޝް ބުނެލީ އަސަރާއެކު އެވެ.
އެވަގުތުކޮޅަށް ނިމުމެއް ގެންނާން ބޭނުންނުވާތީ އެވެ. ނަމަވެސް އެދުނީ ފިޒާގެ ހަޔާތުން، އެންމެ ފަސްމިނެޓަށެވެ. އެވަގުތު ހަމަވެއްޖެ އެވެ.
................
ކޮޓަރީގައި ކުރިންހުރި މަންޒިލުން އެހެން ތަނަކަށް ފިޒާގެ ވޯޑްރޯބް ބަދަލުކޮށް، ފިޒާ ބޭނުން ކޮންމެ ވަގުތަކު 'އެ ހިތްގައިމު މަންޒިލަށް' ވަދެވޭނެ މަގު ތާބިޝް ފަހިކޮށްދިނެވެ.
"އަހަރެންގެ ހަޔާތުގެ އެންމެ އުފާވެރި ފަސްނިމެޓްގެ އަގު ދުވަހަކުވެސް އަދާނުކުރެވޭނެ.. ވަރަށް ބޮޑަށް ޝުކުރިއްޔާ..! އިން ޝާ ﷲ ފާއިތުވި ފަސްމިނެޓްގެ ކޮންމެ ހަނދާނެއް އަހަރެންގެ ކޮންމެ ނެވާއެއްގައި އާކުރާނަން.. އެވަގުތުތައް ހަނދާން ނައްތާލުން، ނުވަތަ އެއީ ނުވާކަމެއްކަމުގައި ބެލުމަކީ ފިޒާގެ އިހްތިޔާރުގައި އޮތްކަމެއް.. އަހަރެންގެ ފަރާތުން އެ ވަގުތުތަކުގެ އެއްވެސް ކަމެއް އަލުން ތަކުރާރުކޮށް، ފިޒާއަށް އިތުރު ތަކުލީފެއް ލިބުނަ ނުދޭނަން.. ގުޑްނައިޓް ފިޒާ..!" ފިޒާގެ ބުރުގާމަތިން ބޮލުގައި ކިސްކޮށްލުމަށްފފަހު ފަސް ބަލައިވެސް ނުލައި ތާބިޝް ހިނގައްޖެ އެވެ.
ތާބިޝް ނިކުމެގެންދިޔަ މަންޒަރު ބަލަން ފިޒާ ހުރީ ފެންކަޅިވެފަ އެވެ. ލޯކުރިމަތީން ތާބިޝް ގެއްލިއްޖެ އެވެ. އެތަން މިތަން ފިޒާ ބަލައިލި އެވެ. މިވަގުތު ފިޒާ ވަށައިގެންވަނީ އެކަނިވެރިކަމާއި ހުސްކަމެވެ.
"ހިނދުކޮޅެއް ކުރީން ފެނިގެން ދިޔައީ ހުވަފެނެއްބާ އެވެ؟ ނުވަތަ އެއީ އަހަރެންގެ ހިޔާލެއް ބާ އެވެ؟" ދެ ލޯ ފުރިފައިހުރި ހޫނު ކަރުނަ ފޮހެލަމުން ފިޒާއަށް ބުނެވުނެވެ. އަމިއްލަ ހާލަތާއިމެދުގައި ގޮތްނިންމާން ފިޒާއަށް ފަސޭހައެއް ނުވި އެވެ.
ތާބިޝް އެދުނީ ފަސްމިނެޓަށެވެ. އެވަގުތު މާޒީވެއްޖެ އެވެ. އެންމެ ސިކުންތެއްގައި ހިފަހަށްޓާލާނެ ބާރުވެސް އިންސާނުންގެ ކިބައިގައި ނުވެ އެވެ. ތަގުދީރުގެ ނިޔާއާއިމެދު ސުވާލު އުފައްދަން އިންސާނާ ހެޔޮނުވާނެ އެވެ. އެއްދުވަހު ރޮއްވާލަ އެވެ. އަނެއްދުވަހު ހެއްވާލަ އެވެ. އެއްބަޔަކު ރެއާއި ދުވާލު ހައްގު ގޮތުގައި މަސައްކަތްކޮށް، ނިކަމެތިކަމާއި ބިކަ ހާލުގައި އުޅެ ނިމިދަނީ އެވެ. އަނެއްބަޔަކު ނުހައްގު މުއްސަނދިކަމުގައި ރެއާއި ދުވާލު އުފަލާއި މަޖާނެގުމާއި ދުނިޔެވީ އަރާމުގަ އެވެ. ހަޔާތުގައި އިހްތިޔާރުކުރާނެ ދިރިއުޅުމެއްގެ ބާވަތެއް އެމީހެއްގެ ކޮންޓްރޯލުގައި ވޭ އެވެ.
ވަގުތާއި ހާލަތަށް ޝުކުރުވެރިވެ، ފެންނަ މަންޒަރުގައި ހިތްހަމަޖައްސާލާނީތޯ ނޫންތޯ އެއީ އެމީހެއްގެ އަމިއްލަ އިހްތިޔާރުގައި އޮތްކަމެކެވެ. ފުރާނައިގައި އެންމެ ވިންދެއް ހުއްޓައިވެސް ހަޔާތުން ދެއަތް ފޮޅާލުމަކީ ކާމިޔާބު މީހުންގެ ސިފައެއް ނޫނެވެ. ފިޒާގެ އަޒުމެއް އެބައޮތެވެ. ލިބުނު ހިތްދަތިފިލާވަޅުން އިބްރަތް ލިބިގަތުމެވެ. އެ ފިލާވަޅުގެ އިހްސާސް އެކަންކުރިމީހާއަށް ވަޒަންކޮށްދިނުމެވެ. ހަޔާތުގެ ދަތުރުގައި ވައިގެ މިސްރާބު ބަދަލުކޮށް، ފަހަތަށް ފިޔަވަޅެއް އަޅަން ފިޒާއަށް މަޖުބޫރުކުރުވީ ތޫފާނީ ހާލަތެކެވެ. އެކަމަށް ބަދަލުހިފފުމުގެ ރޫހް ފިޒާގެ ހަނދާނުން އަދި ފަނޑުވެގެން ނުދޭ އެވެ.
"އަހަރެންގެ ކޮންމެ ކަރުނައެއްގެ ބަދަލު ދޭންޖެހޭނީ ހަމައެކަނި ތާބިޝް.. އެކަމަށް މައާފެއް ނުލިބޭނެ" ފިޒާގެ ކަންފަތަށް ކިރިޔަކިރިޔާ އިވޭނީވޭ ވަރަށް ބުނެލަމުން ހިންދިރުވާލި އެވެ. (ނުނިމޭ)