މި ދައުވާ ހުށަހަޅާފައިވަނީ އިންޑިއާގެ ގާނދީނަގަރުގެ ސިވިލް ކޯޓަކަށެވެ. އެ ކުންފުނިން ބުނި ގޮތުގައި ނޯރާ ސޯޝަލް މީޑިއާގައި ދެއްކި ޒިންމާދާރުކަން ކުޑަ ވާހަކަތަކުގެ ސަބަބުން ކުންފުނީގެ އަގު ވެއްޓި، ވިޔަފާރީގެ ހިންގުމަށް ވަނީ ވަރަށް ބޮޑަށް ނޭދެވޭ އަސަރުކޮށްފަ އެވެ.
މި މައްސަލަ އުފެދެން މެދުވެރިވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މުމްބާއީން ފުރައިގެން ޖައިޕޫރަށް ދަތުރުކުރި ސެސްނާ ސައިޓޭޝަން މަރުކާގެ ބޯޓެއްގެ ތެރޭގައި ހުރެގެން ނޯރާ ނެގި ވީޑިއޯތަކަކާ ގުޅިގެންނެވެ. އޭނާގެ އަމިއްލަ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކުރި އެ ވީޑިއޯތަކުގައި އެ ބޯޓަކީ ކުޑަކުދިން ކުޅޭ "ލެގޯ" ބޯޓެއް ފަދަ އެއްޗެއް ކަމަށާއި ކުޅޭކުޅޭ އެއްޗެއްގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ.
މި ދައުވާގައި ފާހަގަކޮށްފައިވާ ގޮތުގައި ގިނަ އަދަދެއްގެ މީހުން ފޮލޯކުރާ ނުފޫޒުގަދަ ފަންނާނަކު މިފަދަ ގޮތަކަށް ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ބޯޓު ކުޑަވެގެން ކަމަށް ބުނެ ސަމާސާގެ ގޮތުގައި ދެއްކި ވާހަކަތަކުގެ ސަބަބުން ކަސްޓަމަރުންގެ އިތުބާރު ގެއްލި، ކުންފުންޏަށް މާލީ ގޮތުންނާއި ވިޔަފާރީގެ ގޮތުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
ކުންފުނީގެ ދައުވާގައި ބުނީ ނޯރާ ކޮށްފައިވާ ކޮމެންޓުތަކަކީ އެއްވެސް އަސާސެއް ނެތް، އަދި ކުންފުނީގެ ހިދުމަތްތަކުގެ ފެންވަރު ދަށްކޮށް ދެއްކުމަށް ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 3 ކްރޯޑް ރުޕީސް ނަގައިދިނުމަށް ވަނީ އެދިފަ އެވެ.
މި މައްސަލައިގެ އަޑުއެހުން ގާނދީނަގަރުގެ ސީނިއާ ސިވިލް ކޯޓުގައި ތާވަލުކޮށްފައިވަނީ މި މަހުގެ 25 ވަނަ ދުވަހަށެވެ. އެ ދުވަހު އޮންނަ އަޑުއެހުމުގައި މައްސަލަ ބައްލަވާނީ ސީނިއާ ސިވިލް ޖަޖް އާރު އަގަރްވާލް އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;