
މިނިސްޓަރު މިފަދައިން ވިދާޅުވީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ދެއްވި މެސެޖެއްގައެވެ. އިގްތިސާދު ނަގާ ކޮޅަށް ޖަހައި ދެމެހެއްޓޭނީ މަސައްކަތްތެރިންގެ ބުރަ މަސައްކަތުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ދިވެހި މަސައްކަތްތެރިން ކުރައްވާ މަސައްކަތްތަކަކީ ފަހުރުވެރިވާ ފަދަ ގައުމެއް ބިނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށެވެ. ދަނޑުވެރިކަމާއި، ޓޫރިޒަމާއި، މަސްވެރިކަމާއި، ހެލްތް ދާއިރާގައި ނުވަތަ އެހެނިހެން ކޮންމެ ދާއިރާއެއްގައި މަސައްކަތްކުރައްވާ މީހަކަށް ވީނަމަވެސް މިއަދަކީ އެ ފަރާތްތަކަށް ހާއްސަ ދުވަހެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މަސައްކަތްތެރިންގެ ހިވާގިކަމާއި ވަފާތެރިކަމާއި އެކު ކުރައްވާ ބުރަ މަސައްކަތްތަކީ ގައުމުގެ ކުރިމަގު ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވީ މިއަދަކީ މަސައްކަތްތެރިންނަށް ހާއްސަ ދުވަހެއްކަމުން މިއަދު ހުރިހާ މަސައްކަތްތެރިންނަވެސް އަރާމްކުރައްވާނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ. އަދި އެއީ ކޮންމެހެން މިއަދު އެ ފަރާތަކަށް ލިބިގެންވާ ހައްގެއްކަމަށްވެސް ވަނީ މިނިސްޓަރު ވިދާޅުވިއެވެ. ކޮންމެ އަހަރެއްގައިވެސް މެއި މަހުގެ 1 ވަނަ ދުވަހަކީ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ކަނޑައަޅުއްވައި، އެދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ހަމަޖެއްސަވައިފައެވެ.