
ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޮފީސް ބައެއް ހިމެނޭގޮތަށް ތަރައްގީކުރާ އެ ހޮޓެލްގެ މަސައްކަތް، އެތަން ހިންގުމަށް ހާއްސަކޮށް އުފައްދާފައިވާ ކުންފުންޏެއް ކަމުގައިވާ ވޯރލްޑް އޮފް ބިޒްނަސްއާ ހަވާލުކޮށް މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ، އެ މަސައްކަތާ ކުރިން ހަވާލުވެފައި އޮތް އެސްޓީއޯއާއެކު ސެޓަލްމަންޓް އެގްރީމަންޓަކަށް ދިއުމަށްފަހު އެވެ.
ހުޅުމާލޭގައި މި ތަރައްގީކުރެވޭ ހޮޓަލުގައި ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޭރިއާ (3.5 ފްލޯރ ސްޕޭސް) ގައި ސަރުކާރުގެ މުހިއްމު ވައުދުތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖް، ޔޫތް ސެންޓަރު (އީ- ސްޕޯރްޓްސް) އަދި ހެރިޓޭޖް ކޮލެޖްގެ އިތުރުން މެޑިކަލް ކޮލެޖް ތަރައްގީ ކުރާނެ އެވެ.
އެޗްޑީސީން ބުނި ގޮތުގައި، އެ ހޮޓަލުގެ ބާކީ ޖާގައިގައި ފަސް ތަރީގެ ފެންވަރުގެ 158 ކޮޓަރި ހަދައި، 9 މަސް ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖޭގެ ކުންފުނިތަކުގެ ރަޖިސްޓްރީގައިވާ ގޮތުން "ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް" އަކީ މިދިޔަ ފެބްރުއަރީ މަހު އުފެއްދި ކުންފުންޏެކެވެ.
"މެންހަޓަން ގްރޭންޑް ހޮޓެލް" ގެ ނަމުގައި ވޯލްޑް އޮފް ބިޒްނަސްއިން އެ ހޮޓެލް ހިންގުމަށް ހަމަޖެހިފައިވަނީ 50 އިންސައްތަ ފޮރިން އިންވެސްޓްމަންޓާއެކު އެވެ. މި މަޝްރޫއަށް އިންވެސްޓްކުރުމަށް ހަމަޖެހިފައިވަނީ ޔޫއޭއީގެ ކުންފުންޏެއް ކަމުގައިވާ "ޑީޕް ސީފުޑް ކޮމްޕެނީ" އިންނެވެ.