
އުސް އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދާދިނުމަށް ގޮވާލާ ޒުވާނުން ކުރަމުން އަންނަ ސިލްސިލާ މުޒާހަރާ ފުލުހުން ރޭ ވަނީ ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްގެން ރުޅާލާފައެވެ. މި މުޒާހަރާތެރެއިން ދެ ޒުވާނަކު ހައްޔަރުކޮށް މިއަދު ވަނީ ބަންދުގެ މުއްދަތުވެސް ޖަހާފައެވެ.
ރޭގެ މުޒާހަރާ ބާރުގެ ބޭނުންކޮށްގެން ރޫޅާލީ މިއަދު ގިނަ އަދަދެއްގެ ކުދިން އޯލެވެލް ހަދަން ދާންޖެހޭތީކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން އެގޮތަށް ބުނެފައިވަނިކޮށް ފުލުހުންގެ ބަޔާނުގައި ހުރި ވާހަކަތައް ހިމަނާ މުޒާހަރާ ކުށްވެރިކޮށް އެޗްއާރުސީއެމުންވެސް މިރޭ ބަޔާނެއް ނެރެފިއެވެ. އެޗްއާރުސީއެމުން މިރޭ ނެރުނު ބަޔާނުގައި ބުނީ މި ދުވަސްވަރަކީ ޖީސީއީ އޯލެވެލް އިމްތިހާނުގެ ދުވަސްވަރުކަމުން މަގުތަކުގައި އަޑުގަދަނުކޮށް މިފަދަ އެއްވުންތަކުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އިމުގެ ތެރެއިން ކުރިޔަށް ގެންދިޔުމަށް އެ ކޮމިޝަނުން އިލްތިމާސްކުރާކަމަށެވެ. އަދި އާއްމު އިޖްތިމާއި މިންގަނޑުތަކާއި ހިލާފު ނުވާނޭހެން މުޒާހަރާ ކުރިޔަށް ގެންދިޔުމަށް ގޮވާލާކަމަށްވެސް އެޗްއާރުސީއެމްގެ ބަޔާނުގައިވެއެވެ.
ރޭ ޒުވާނުން ކުރި މުޒާހަރާ ރުޅާލުމުގައި ފުލުހުން އަމަލުކުރި ގޮތަށް އެއްވެސް އެއްޗެއް ނުބުނެ އެޗްއާރުސީއެމްގެ ބަޔާނުގައި ބުނީ މުޒާހަރާ ރޫޅާލުމުގައި ގާނޫނާއި ގަވަައިދުގެ ތެރެއިން ފުލުހުން އަމަލުތައް ބެހެއްޓުމަށް ދިވެހި ފުލުހުންނަށް އިލްތިމާސްކުރާކަމަށެވެ. އަދި އެއްވުންތައް ރޫޅާލުމުގައި ސުލްހަވެރިކަން އިސްކުރުމަށްވެސް ކޮމިޝަނުން ފުލުހުންނަށް ގޮވާލާކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައިވެއެވެ.