
އެ ޕާޓީން މި ގޮތަށް ނިންމީ މިރޭ ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމަށްް ފަހުއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ހޮވާފައިވާ ލީޑާޝިޕް ރެޕިޑް ރެސްޕޮންސް ޓީމް (އެލްއާރްއާރްޓީ) އިން އެދިގެން ބޭއްވި ކުއްލި ބައްދަލުވުމުގައި ގައުމީ މަޖިލީހުގެ މެމްބަރުން ވަނީ ރޭ ޒުވާނުންގެ މުޒާހަރާ ރޫޅާލާ ޒުވާނުން ހައްޔަރުކުރި ކުރުން ކޮށްވެރިކޮށްފައެވެ.
މިރޭގެ ގައުމީ މަޖިލިސް ނިންމާލަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ ޒުވާނުންގެ މުޒާހަރާއަށް އެއްބާރުލުން ދީ މުޒާހަރާގައި އެމްޑީޕީގެ މެމްބަރުން ބައިވެރިވުމަށް ގޮވާލާފައެވެ. އަދި ރަށްރަށުން ޒުވާނުން އައިިސް އެ މުޒާހަރާގައި ބައިވެރިވުމަށް ފައްޔާޒު ގޮވާލެއްވިއެވެ.
ޒުވާނުންގެ މުޒާހަރާއަކީ ސީޔާސީ ޕާޓީއަކުން ހިންގާ ހަރަކާތަކަށް ނުވި ނަމަވެސް އެ މުޒާހަރާއާއި ގުޅިގެން އަމަލު ކުރާ ގޮތުން އެކަމުގައި އަޑު އުފުލަންޖެހޭކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވަނީ މުޒާހަރާގައި ބައިވެރިވުމަށް ޒުވާނުން އެދޭތީ އެމްޑީޕީ މެމްބަރުން މިރޭވެސް މުޒާހަރާއަށް ދިޔުމަށް ގޮވާލާފައެވެ.
މަޖީދީމަގުގައި މުޒާހަރާ ކުރުން ފުލުހުން މަނާކުރުމުން ޒުވާނުން އެމީހުންގެ މުޒާހަރާ މިރޭ ބާއްވަމުން އަންނަނީ ކާނިވާ ސަރަހައްދުގައެވެ.