
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ، ބޭސް ލިބުން ދަތިވެފައިވަނީ ސަރުކާރުން އާސަންދަ ނިޒާމު އިސްލާހުކުރަން ބޭހުގެ އަގު ކެޕްކުރުމުން ބައެއް ވިޔަފާރިތަކުން ގަސްތުގައި އެފަދަ ބޭސް ގެނައުން ހުއްޓައިލުމުންކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ބޭސް އެތެރެކުރާ ބައެއް ވިޔަފާރިވެރިން ގަސްތުގައި ބޭސް ގެނައުން ހުއްޓާލީ ސަރުކާރު ތާށިކޮށްލުމަށްކަމަށެވެ.
އެހެންނަމަވެސް މިހާރު މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. ބޭހުގެ އެޕްރޫވްޑް ލިސްޓުގައި ހިމެނޭ 1207 ޖެނެރިކް ބޭހުގެ ތެރެއިން 784 ބޭސް އެސްޓީއޯއިން މިހާރު ލިބޭނެކަމަށާއި، 10 ބޭހެއް ފިޔަވައި އަސާސީ ބޭހުގެ ތެރޭ ހިމެނޭ ހުރިހާ ބޭހެއް އެސްޓީއޯއިން ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.
އަމިއްލަ ކުންފުނިތަކުން ވިއްކާ 77 ބޭހެއްގެ އަގު ރިވައިޒްކޮށް މިރޭ އަމަލުކުރަން ފަށާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.