
500 ދުވަހަށް ފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ މިއަދު ވާހަކަ ދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ ކުރީ ސަރުކާރުން އެކި ގައުމުތަކާއެކު ހަދާފައިވާ އަސްކަރީ އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ވަރު ކަމެއް ނެތް ކަމަށެވެ. އަދި އެއްބަސްވުންތައް އާއްމުކުރަންވީ ވައުދު ފުރިހަމަ ނުކުރެވިގެން އުޅެނީ އެއްބަސްވުންތަކުގައި ސިއްރުކުރަން ހިމަނާފައިވާ ނުކުތާތަކެއްގެ ސަބަބުންކަމަށާއި އެކަން އެ ގައުމުތަކާއި ގުޅިގެން މަޝްވަރާކުރަމުން އަންނަކަމަށެވެ.
ރައީސްގެ މިވާހަކަތަކާއި ގުޅިގެން މިދިޔަ ސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ ކުރީ ސަރުކާރުން އެކު ގައުމުތަކާއި އެކުވެފައިވާ އެއްވެސް އެއްބަސްވުމެއްގައި ކަންބޮޑުވުމެއް ނެތް ކަމަށް ރައީސް މުއިއްޒު އިއުތިރާފުވެވަޑައިގެންފައިވާކަމަށެެވެ.
މާރިޔާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ހުރިހާ ސިޔާސީ ޕާޓީތަކުގެ މެމްބަރުން ހިމެނޭ 241 ކޮމިޓީން، މިދިޔަ ސަރުކާރުގެ ޑިފެންސް މިނިސްޓްރީން އެކި ގައުމަތަކާއިއެކު ހެދި އެއްބަސްވުންތައް ވަރަށް ތަފްސީލުކޮށް ދިރާސާކޮށް އެކަމާ ގުޅޭ ރިޕޯޓެއް އެކުލަވާލިކަމަށެވެ. އަދި އެ އެއްބަސްވުންތަކުގައި މިގައުމުގެ ސިޔާދަތަށް ނުވަތަ ސަލާމަތަށް ނޭދެވޭ އަސަރުކުރާނެ އެއްވެސް ކަމެއް އެ އެއްބަސްވުންތަކުގައި ނެތްކަން އެނގޭކަމަށެވެ. އެހެންނަމަވެސް އޭރުގެ އިދިކޮޅުގައި ތިބި ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލާ ދޮގު މައުލޫމާތު ފަތުރާފައިވާކަމަށެވެ.
މާރިޔާ ވިދާޅުވީ ރާއިސް މުއިއްޒު އިދިކޮޅުގައި ހުންނަވާ ދިވެހި ރައްޔިތުންނަށް އޮޅުވާލި އޮޅުވާލުމަށް މައާފަށް އެދެންޖެހޭކަމަށެވެ. އަދި އެކަމުގެ ހިތްވަރު ހުންނާނެތޯ އެއީ އުފެދޭ ސުވާލެއްކަމަށެވެ.
މި ސަރުކާރު ވެރިކަމަށް އައުމަށް ކުރި އެންމެ ބޮޑު ކެމްޕެއިނަކީ މިދިޔަ ސަރުކާރުން އިންޑިއާއި އެކު ހަދާފައިވާ އެއްބަސްވުންތަކުގައި ރާއްޖެއަށް މިނިވަންކަމަށް ގެއްލުންވާ ކަންކަން ހުރިކަމަށް ބުނެ ދެއްކެވި ވާހަހަކަތަކެވެ. އެގޮތުން އިންޑިއާއާ ދެމެދު ވެފައި އޮތް ހައިޑްރޯގްރަފީ އެއްބަސްވުމާއި، އުތުރު ތިލަފަޅުގައި ބިނާކުރަމުންދާ ސިފައިންގެ އަސްކަރީ ޑޮކްޔާޑާ ގުޅޭ އެއްބަސްވުމާއި ޑޯނިއާ އަދި ހެލިކޮޕްޓަރުތަކުގެ އެއްބަސްވުން ހިމެނެއެވެ.
މީގެތެރެއިން ހައިޑްރޯގްރަފީ އެއްބަސްވުން ބާތިލުކޮށްފައިވާވީނަމަވެސް ދެން ހުރި އެއްވެސް އެއްބަސްވުމެއް މިހާތަނަށްވެސް ބާތިލުކޮށްފައެއް ނުވެއެވެ.