ads
ނޫސްތައް ގިނަވެ، ނޫސްވެރިން މަދުވުން
ނޫސްތައް ގިނަވެ، ނޫސްވެރިން މަދުވުން..!؟
ދިވެހިބަހުގެ ރަދީފުގައި ފޮތުގެ މާނަ ބުނާ ގޮތުން "ނޫސްވެރިކަން" އެއީ ނޫސްމަޖައްލާއަށް ނުވަތަ ރޭޑިއޯޓީވީއަށް ހަބަރާއި ރިޕޯޓް ފަދަ ލިޔުން ލިޔުމުގެ މަސައްކަތާއި އެފަދަ އެއްޗަކަށް ހަބަރާއި މައުލޫމާތު ހޯދުމުގެ މަސައްކަތް ކަމުގައި އެވެ. އެހެން ކަމުން ދެން ހިތަށް އެރީ މި މަސައްކަތް ކުރާނެ މީހުނަށް ކިޔާ ހާއްސަ ނަމެއް ހޯދުމަށެވެ. ރަދީފު ފޮތުގައި "ނޫސްވެރިން" މިބަހުގެ މާނަ ބުނަނީ ނޫހަށް ލިޔެއުޅޭ މީހުން ނެވެ.
Advertisement

އެހެންކަމުން ސާފު މިވީ ނޫސްވެރިކަމުގެ މަސައްކަތައް ނޫސްވެރިން ބޭނުން ވާނެ ކަމެވެ. ދައުލާތާއި ސަރުކާރަށް އަދި ހަބަރާއި މައުލޫމާތަށް ފާރަވެރިވާނެ "ނޫސްވެރިން" ނުލިބި ބަދަލުވާ ޒަމާނާއެކު "ނޫސްވެރިކަން" ކުރިއަށް ނުދާނެ ކަމެވެ. 

މިއަދު މި ގަމުމަށް ވެސް ޖެހިގެން މި އުޅެނީ މި މައްސަލަ ބާ އެވެ.؟ އެނގޭ ކަމަކީ ނޫސްވެރިކަން ކުރަން ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ ނޫސްތައް ވަރަށް ގިނަ ވެއްޖެ ކަމެވެ. ނަމަވެސް ޒަމާނަށް ލޯ ހުޅުވިފައިވާ ނޫސްވެރިން ގިނައެއް ނުވި ދޯ އެވެ. 

މިއަދަކީ ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. ރާއްޖޭގައި ނޫސްވެރިކަން ކުރާނެ ނޫސްވެރިން ލިބުން މަދުވާ ސަބަބަށް ބަލާލަމާ ހިންގަވާށެވެ.

  • ނޫސްތައް ގިނަ ވި ސަބަބު

ރާއްޖޭގައި ނޫސް ރަޖިސްޓްރީ ކުރުން އެއީ އެހާ އުދަގޫ ޒާތަކަށް އޮންނަ ކަމެއް ނޫނެވެ. ނޫސްވެރިކަމުގެ ދާއިރާގައި 10 އަހަރު އުޅުމުން އެމީހެއްގެ ނަމުގައި 100 ނޫސް ވެސް ރަޖިސްޓްރީ ކޮށްގެން ހިންގުމަކަށް ގާނޫނީ ހުރަހެއް ނެތެވެ. އެކަން މިހާރު ވެސް އެބަ ފެނެ އެވެ. އެކެއްގެ ނަމުގައި ފަސް ހަ ނޫސް ރަޖިސްޓްރީކޮށްގެން ހިންގާ ކަމަށް ރަށުތެރޭ އެބަ ގޮވަ އެވެ. ނަތީޖާ އަކީ ނޫސްވެރިކަމުގެ "ތާކިހަލު"ގައި ދޮގު ހަބަރު ފެތުރުމާއި، މީހުން އަބުރު ނަގާލުމާއި ނޫސްވެރިކަމާއި ދިމާ އިދިކީލި މަސައްކަތަކަށް މަގު ފަހިވުމެވެ.

ރާއްޖޭގައި ނޫސްތައް ގިނަވާން ފެށި އަނެއް ސަބަބަކީ ނޫ ގާނޫނު އަސާސީން ހިފެހެއްޓިފައިއޮތް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ތަންމިނަށް ފެހި ގާނޫނޫ އަސާސީން ދިވެހިންނަށް ލިބުމެވެ. ނޫސް ހިންގުމަކީ ކުށެއްކަން ދައުލަތުގެ ލެވެލްގައި އިންތިޒާމްވެގެން ދެއްކި ވާހަކަ ދިވެހިން ގަބޫލު ނުކުރުމެވެ. 

ދިވެހިންގެ ތެރޭގައި މަޝްހޫރު މުޒާހަރާ ގާނޫނޫ އަސާސީން ނޫސްވެރިކަމުގެ މިނިވަންކަން ވަރަށް ބޮޑަށް ދިނެވެ. ނޫސްވެރިކަމުގެ މިނިވަންކަން ބަޔާންކުރާ ގާނޫނުއަސާސީގެ 28 ވަނަ މާއްދާ އިން ހިތްވަރު ލިބި ނޫސްވެރިކަމުގެ މަސައްކަތައް ތަފާތު ނަންނަމުގައި މީހުން ފާޅުގައި ނިކުތުމަކީ ވެސް ނޫސްތައް ގިނަވި ސަބަބެކެވެ.

މީގެ އިތުރުން ގާނޫނުއަސާސީގެ 27 ވަނަ މާއްދާ ގައި "މިނިވަންކަމާއެކު ފިކުރު ކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެ މަތީން އެ މީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ހިޔާލުތައް ދުލާއި ގަލަމުން އަދި މި ނޫން ވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެ އެވެ،" މިހެން އޮތުމުން ދިވެހިންނަށް ސިއްރާއި ފާޅުގައި ބަސްބުނެ ބަސްއިއްވަން ފުރުސަތު ތައްމިނަށް ހުޅުވުނެވެ. އެއާއެކު ރަޖިސްޓްރީ ނުކޮށް ވެސް ނޫސްވެރިކަން ކުރުމުގެ ނިޔަތުގައި ނޫސްތައް ގިނަވާން ފެށި އެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދި ހަރަކާތްތެރިވާން ފެށުމަކީ ވެސް ނޫސްތައް ގިނަވާން މެދުވެރިވި ސަބަބެކެވެ. ސިޔާސީ މަސައްކަތައް ޕާޓީތަކުގެ ސިޔާސަތު ވިއްކުމާއި ޕާޓީގެ "ބޮޑެތި މީހުން" އާންމުންގެ ތެރެއަށް ތައާރަފް ކުރުމަށް ވެސް ނޫސްތަކުގެ ބޭނުން ހިފަ އެވެ. ނަތީޖާ އަކީ ޕާޓީ ތަކުން އެމީހުންގެ "ފިކުރު" ވިއްކުމަށް ނޫސްތައް ކުރިއަށް ނެރުމެވެ. ތިޔަ ނޫހަކީ މިވެނި އެވެނި ޕާޓީއަކަށް ނިސްބަތްވާ ބަޔަކު މީހުން ހިންގާ ނޫހެކޭ އެޕާޓީގެ ވެރިކަމެއްގައި އެ ނޫސް ހިންގަން ދައުލަތުން ގިނައިން "ސްޕޮންސަރު" ލިބޭނެ އޭ ރަށުތެރޭ ކިޔާ އަޑު އިވެނީ މިދެންނެވި ހާލަތުގައި އެވެ. 

ނޫސްތައް ގިނަ ވި ސަބަބާއި ގުޅޭ އަދި އެއް ވާހަކަ އެވެ.

ނޫސްވެރިކަމަކީ ވެސް މަސައްކަތެކެވެ. ދިރިއުޅުމަށް އާމްދަނީ ހޯދުމަށް ވެސް ބައެއް މީހުން "ނޫސްވެރިކަން" ކުރާން ފެށި އެވެ. އެއީ އަދި ނޫހުގައި ލިޔަން ނުދަންނަ ދިވެހި ބަހުގެ ފަންނުވެރިކަމާއި ދުރު މީހާ ވެސް ހިމެނޭ ގޮތުން ނެވެ. މިސާލަކަށް ތަފާތު ދާއިރާ ތަކުގައި މަސައްކަތް ކުރާ ބޮޑެތި ވިޔަފާރި ވެރިން ނެވެ. ޑޮލަރުގެ ވިޔަފާރި ކުރާ ރިސޯޓް އޯނަރުން ވެސް ހިމެނޭ ފަދައިން ނެވެ. ބޭނުމަކީ އެމީހުންގެ ވިޔަފާރިތަކާއި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ނޫސްވެރިކަން ގުޅުވުމެވެ. ނަތީޖާ އަކީ ބައެއް މީހުން ދިރިއުޅުމަށް ފައިސާ ހޯދަން ކުރާ މަސައްކަތަކަށް ނޫސްވެރިކަން ވީ އެވެ. މި ވިޔަފާރި ވެސް ފުޅާވަމުން ދިޔަވަރަަކަށް ނޫސްތައް ވެސް ގިނަވާން ފެށި އެވެ. ދުނިޔޭގެ ބޮޑެތި ބައެއް ނޫސްތަކަކީ ވެސް ބައެއް މީހުނަށް ވިޔަފާރީގައި ބޮޑެތި ނަފާ ލިބޭ "މީޑިއާ ހައުސް" ތަކެވެ.

މިދަންނަވާލީ ރާއްޖޭގައި މިދިޔަ ވިއްސަކަށް އަހަރު ނޫސްތައް ގިނަވި ބައެއް ސަބަބު ތަކެވެ. އަދި މިނޫން ސަބަބުތައް ވެސް ހުންނާނެ އެވެ. 

  • ނޫސްވެރިން މަދުވުން

ރާއްޖޭގައި މިފަހުން ނޫސްތައް ގިނަވެ އޭގެ ގެއްލުމާއި ފައިދާ ރައްޔިތުންނަށް ކުރަމުންދާއިރު "ނޫސްވެރިކަން" ކުރުމަށް "ނޫސްވެރިން" ނުލިބޭ ޝަކުވާ އަކީ ބޮޑުވެފައި އޮތް މައްސަލައެކެވެ. މާނައަކީ ޒަމާނީ ނޫސްވެރިކަމަކަށް ނޫސްމަޖައްލާއަށް ނުވަތަ ރޭޑިއޯޓީވީއަށް ހަބަރާއި ރިޕޯޓް ފަދަ ލިޔުން ލިޔުމުގެ މަސައްކަތާއި އެފަދަ އެއްޗަކަށް ހަބަރާއި މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރާނެ ނޫސްވެރިން ނުލިބުމެވެ.

އަބަދުވެސް ޓީވީތަކާއި ނޫސްތަކުގެ އިސްތިހާރު ތަކުގައި ހުންނަނީ "ނޫސްވެރިން" ހޯދަން ކުރާ ޕޯސްޓްތަކެވެ. ވާނީވެސް އެހެންނެވެ. ނޫހަށް ލިޔެދޭނެ މީހުންނަށް ވުރެ ނޫސްވެރިކަން ކުރާ ނުވަތަ ނޫސް ހިންގާ މީހުން ގިނަވީ އެވެ. ނަތީޖާ އަކީ އެއް ނޫހުގައި ލިޔުމުން ދެންތިބި 50 ނޫހުން އެނަގާ "ކޮޕީ" ކޮށްލަނީ އެވެ. އަދި އެކަން އެއީ ގާނޫނުއަސާސީގެ 28 ވަނަ މާއްދާ ތަސައްވަރު ކުރި ނޫސްވެރިކަން ކަމަށް ބަޔަކަށް ހީވުމެވެ.\

your imageގާނޫނުއަސާސީގެ 28 ވަނަ މާއްދާ

ރާއްޖޭއަކީ ތައުލީމީ ގޮތުން ހޭލުންތެރި އަދި ގިނަ ދާއިރާ ތަކުން މަތީ ތައުލީމު ހޯދައިގެން ތިބި މީހުން ގިނަ ގައުމެއް ނަމަވެސް ނޫސްވެރިކަމުގެ ދާއިރާ އަށް އެންމެ ބޭނުންވި ދުވަހު މި ދާއިރާއިން ކިޔަވާއިގެން ތިބި މީހުން ވީ މަދެވެ. މީގެ އިތުރުން ނޫސްވެރިނަށް ވާނެ "ނޫސް - ވެރިން" މަދުވުވެ މި ދާއިރާއަށް ޝައުގު ހުރެ މަސައްކަތް ކުރަން ބޭނުންވާނެ މީހުން ވަނީ ނުނެރެވި އެވެ. 

އެންމެ ބޮޑު އެއް ސަބަބަކީ ނޫސްވެރިން ނަކީ ނުރައްކަލެއް ކަމަށާއި އެއީ ބުރަ މުޅި ދުވަސް ހޭދަކުރަން ޖެހޭ މަސައްކަތެއް ކަމަށް ދިވެހިންނަށް ބަޔަކު ވިސްނައި ދީފައި އޮތުމެވެ. އަދި މަތީ ތައުލީމު ހޯދުމުގެ ދާއިރާއިން ނޫސްވެރިއަކަށް ވުމަށް ހުރި ފުރުސަތުތައް ވަރަށް ފަހަކާއި ޖެހެންދެން ބަންދުވެ މިދާއިރާއިން ކޯސްތަކުގައި ބައިވެރިވާނެ އަދަދަށް މީހުން ނުލިބުމެވެ. 

ނަމަވެސް މިއަދު ކުޑަ ނަމަވެސް ލިބޭ ހިންހަމަ ޖެހުމަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ދުވަސް ހިދުމަތް ކުރައްވާފައިވާ ގަލަންތަކުންނާއި ދޫތަކުން ނޫސްވެރިކަމުގެ ތަފާތު ކުރު އަދި ދިގު ކޯސްތައް ގައުމީ ޔުނިވާ ސިޓީތަކާއި އަމިއްލަ ކޮލެއްޖްތަކުގައި ވެސް ފެށުމެވެ. މި ކުލާސްތަކުގައި ބައިވެރިވެ އުޅޭ ޒުވާން ކުދިންގެ ފުށުން "މޮޅެއް" ނޫސްވެރިކަމަށް ކުރަން އަދި ދުވަސް ކޮޅެއް ނަގާނެ އެވެ.

ނޫސްވެރިން މަދުވާން ދެން ދިމާވި އަނެއް ސަބަބެއްގޮތުގައި ފެންނަނީ ނޫސްވެރިކަން ވަކި ބައެއްގެ ފިކުރަށް ގޮސް ހުސްވުމެވެ. ބައެއް ސިޔާސީ ޕާޓީތަކުގެ "ޕްރޮޕެގެންޑާ" ގެނެސް ދިނުމުގައި ތެދުގެ މައްޗަށް ދޮގު އިސްކުރަން ނޫސްވެރިންނަށް މަގުދެއްކުމެވެ. ނޫސްތައް ހިންގާ އޮފީސްތަކާއި އެޑިޓޯރިއަލް ނިންމުންތަކުގައި ދުވަހުން ދުވަހަށް "ސީޔާސީ މީހުން" ފެންނާން ފެށުމެވެ. ނަތީޖާ އަކީ ނޫހެއްގައި މަސަކަތްކަތް ކުރާން ފެށުމާއިއެކު އާންމުންގެ ފަރާތުން ވަކި ފިކުރެއްގެ މީހެއްގެ ގޮތުގައި "މިނިވަން ނޫސްވެރިޔާ" ލޭބަލް ކުރަން ފެށުމެވެ. 

ރަނގަޅު ނޫސްވެރިން ނުލިބުމުގައި މުސާރަ އަކީ ވެސް މުހިންމު ރޯލެއް އަދާ ކުރާ އެއްޗެކެވެ. ނޫސްވެރިންކަން ކުރާމީހުންނަށް "ގިނަ" ލާރިތަކެއް ލިބުނަސް ގިނަ ފަހަރު ނޫސްވެރިން ނަށް ލިބޭނީ "ކުޑަ" މުސާރައެކެވެ. ގިނަ ނޫސްވެރިން ޖަމާވެފައި ތިބެން ޖެހެނީ ވެރިރަށް މާލެއަށް ވެފައި މުދަލާ ހިދުމަތުގެ އަގަށް ބަލާއިރު މާލޭ ސަރަހައްދުގައި "ނުދަރާ" ދިރިއުޅުމުގެ ހަރަދުތައް ހަމަޖެއްސިގެން ނޫނީ "ކޮލިޓީ" ނޫސްވެރިން ހޯދަން ދަތިވާނެ އެވެ. ނޫންނަމަ ނޫސްވެރިންގެ ހަރަދު ދެކޮޅު ނުޖެހުމުގެ ފައިދާ ނަގާ "ނުލަފާ" މީހާ ނޫސްވެރިޔާގެ މައްޗަށް ގަދަވެގަނެ ހެޔޮ ނޫސްވެރިކަމުގެ ނިޒާމުން އޭނާ ދުރުކޮށް ފަސާދަ އާއި ކޮރަޕްޝަނާއި ވައްކަން އާންމު އަދިރި ދައުލަތާ އޭނާ ގާތް ކުރާނެ އެވެ. 

މިއަދުގެ ހަގީގަތަކީ ނޫސްވެރިކަމުގައި ވާދަވެރިކަން ބޮޑުވަމުން ގޮސް ދިވެހީންގެ ނިސްބަތުން ނޫސްވެރިކަމުގެ މަސައްކަތްތައް ކުރާ މީޑިއާ ހައުސް ރާއްޖޭގައި ގިނަ އެވެ. އޮންލައިން ނޫސްތަކާއި ޕޮޑް ކާސްތަކާއި ޓީވީތަކާއި ރޭޑިއޯތައް އެބަ ހިންގަ އެވެ. 

މަދު ވަނީ ނޫސްވެރިން ނެވެ. ގިނަވަނީ ނޫސް ތަކެވެ.

ކޮންމެ އަކަސް ދިވެހިރާއްޖޭގައި ނޫސްވެރިންނަށް ކުރިމަތިވެފައިވާ އަނިޔާވެރިކަމުގެ ތާރީހަށް ބަލާއިރު ނޫސްވެރިކަމުގައި ރާއްޖެ ސާބިތުވެ ދެމިއޮތުމަށް "ނޫސްވެރިކަން" ކުރާ މީހުންނާއި އެއް ވަރަށް ނޫހަށް ލިޔެދޭނެ "ނޫސްވެރިން" ވެސް ވަރަށް ބޭނުމެވެ. ނޫންނަމަ ހަބަރާއި މައުލޫމާތު ފެތުރުން ނުރަނގަޅު މިސްރާބަކަށް ގޮސް، ހަގީގީ ނޫސްވެރިކަން ނުކުރެވި ނޫސްވެރިކަން "ނެތިދާ" ހިސާބަށް ދާ މަންޒަރު ދާދި ގާތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް