
ދުވަސްތަކަކަށް ފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ކުރީ ސަރުކާރުން ވެފައިވާ އަސްކަރީ އެއްބަސްވުންތައް އާއްމުކުރުމަކީ އެމަނިކުފާނުގެ ވައުދެއްކަމަށާއި އެކަން ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ.
އެކަން މިހާތަނަށް ނުކުރެވި އޮތީ އެއްބަސްވުންތަކުގައި ސިއްރުކުރަން ހިމަނާފައިވާ ނުކުތާތަކެއްގެ ސަބަބުންކަމަށާއި އެކަން އެ ގައުމުތަކާއި ގުޅިގެން މަޝްވަރާކުރަމުން އަންނަކަމަށެވެ. އެހެންނަމަވެސް އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ކަމެެް ނެތްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މި ސަރުކާރު ވެރިކަމަށް އައުމަށް ކުރި އެންމެ ބޮޑު ކެމްޕެއިނަކ މިދިޔަ ސަރުކާރުން އިންޑިއާއި އެކު ހަދާފައިވާ އެއްބަސްވުންތަކުގައި ރާއްޖެއަށް މިނިވަންކަމަށް ގެއްލުންވާ ކަންކަން ހުރިކަމަށް ބުނެ ދެއްކެވި ވާހަހަކަތަކެވެ. އެގޮތުން އިންޑިއާއާ ދެމެދު ވެފައި އޮތް ހައިޑްރޯގްރަފީ އެއްބަސްވުމާއި، އުތުރު ތިލަފަޅުގައި ބިނާކުރަމުންދާ ސިފައިންގެ އަސްކަރީ ޑޮކްޔާޑާ ގުޅޭ އެއްބަސްވުމާއި ޑޯނިއާ އަދި ހެލިކޮޕްޓަރުތަކުގެ އެއްބަސްވުން ހިމެނެއެވެ.
މީގެތެރެއިން ހައިޑްރޯގްރަފީ އެއްބަސްވުން ބާތިލުކޮށްފައިވާވީނަމަވެސް ދެން ހުރި އެއްވެސް އެއްބަސްވުމެއް މިހާތަނަށްވެސް ބާތިލުކޮށްފައެއް ނުވެއެވެ.