
ގާތްގަޑަކަށް ދޮޅު އަހަރަށް ފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން އަސްކަރިއްޔާއަށް ބޭނުންވާ ޓޭންކަރުތަކާއި އެހެން ވަސީލަތްތައް ހޯދަމުން އަންނަނީ ކޮންމެހެން ހަނގުރާމައެއް ކުރާކަަށް ނޫން ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ދިވެހި އަސްކަރިއްޔާ އޮތީ ވަރަށް ނިކަމެތި ހާލުގައިކަމަށެވެ. އެގޮތުން ފާއިތުވި ވިއްސަކަށް އަހަރު ދިޔައިރު ސިފައިންގެ ގާބިލްކަން އިތުރުކޮށްފައި ނެތް ކަމަށާއި، ވަސީލަތްތައް ހުރީ ވީރާނާވާން ދޫކޮށްލައިފައިކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ދިފާއީ ވާރު ވަރުގަދަކުރުމަކީ ޒިންމާއެއްކަމަށާއި އެއީ ހަނގުރާމަކުރަން ކުރާކަމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ ހާލަތު އޮތީ ލަދުގަންނަން ޖެހޭ ހިސާބުގައިކަމަށެވެ. އެގޮތުން އާ ޓޭންކަރުތައް ގަތް ސަބަބަކީވެސް ކުރިން ހުރި ޓޭންކަރުތައް މިހާރު ނުވެސް ދޫވާތީކަމަށެވެ.
މީގެއިތުރުން ރާއްޖޭގެ އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން (އީއީޒެޑް)އަކީ ބޮޑު ސަރަހައްދެއް ކަމަށާއި، އެ ސަރަހައްދު ބަލަހައްޓަން ކޯސްޓުގާޑުގެ ނަމުގައި މިހާތަނަށް ހޯދާފއި ހުރީ ކުދި ކުދި ލޯންޗުތަކެއްކަމަށެވެ. ކޯސްޓޫ ގާޑު ދެގުނަށް ކުރަން ނިންމެވީ އެ ސަބަބާއި ހެދިކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފަޔާ ރެސްކިއުގެ ވަސީލަތްތައްވެސް ދެ އަހަރަށް ބަހައިލައިގެން ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.