
ރައީސް މިހެން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުން އިއުލާންކުރި "މޯލްޑިވްސް 2.0" ޑިޖިޓަލައިޒޭޝަން ސިޔާސަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ޑިޖިޓަލައިޒޭޝަންގެ ސިޔާސަތެއް ރާއްޖޭގައި ގާއިމްކުރެވިއްޖެނަމަ ކޮރަޕްޝަން ނައްތާލުމަށް ފަސޭހަވެގެންދާނެ ކަމަށެވެ. އަދި އެމަނިކުފާނު އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅުގެ މައިގަނޑު މަގްސަދަކީވެސް އެއީކަމަށް ވިދާޅުވިއެވެ. އެސްޓޯނިއާއަކީ ކޮރަޕްޝަން ނައްތާލާ، ހާމަކަން ބޮޑުގޮތެއްގައި، އަވަސްކަމާއެކު ވެރިކަން ހިންގާ ގައުމުތަކުގެ ތެރެއިން ދުނިޔޭގެ އިންޑެކްސްގައި އެންމެ މަތީގައި އުޅޭ އެއްގައުމެވެ. "އޮޓަމެޓިކަލީ ނުވަތަ ޑިޖިޓަލީ ކަންކަން ކުރާގޮތަށް ބަދަލުވީމަ ވަރަށް ބޮޑުތަނުން ކޮރަޕްޝަން ދަށްކުރެވޭނެ. އަދި ކޮރަޕްޝަން ނައްތާލާ ވަރަށް ބޮޑުތަނުން ހާމަކަން ބޮޑުކުރެވޭނެ ޑިޖިޓަލް ނިޒާމަކަށް ދިޔައިމަ. އަދި އަވަސްވެސް އެބަ ކުރެވޭ." ރައީސް ވިދާޅުވިއެވެ.
"މޯލްޑިވްސް 2.0" އަކީ ކުރިއަށްއޮތް 3 އަހަރު، ދައުލަތުގެ މުޅި ނިޒާމު ޑިޖިޓަލައިޒްކުރުމަށް ސަރުކާރުން ލޯންޗުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން އެކި ދާއިރާތަކުން އިންގިލާބީ ޑިޖިޓަލް ބަދަލުތަކެއް ގެނައުމަށާއި، އައިސީޓީ ނިޒާމުތައް ތަރައްގީކުރުމަށާއި، ޑިޖިޓަލް ޒަމާނަކަށްފެތޭ ގާނޫނީ އޮނިގަނޑެއް ގާއިމްކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން މިމަހުގެ 9 ވަނަ ދުވަހު މުޅި ދައުލަތް ހިމެނޭހެން ޑިޖިޓަލައިޒޭޝަން ސިޔާސަތާގުޅޭ ބޮޑު ކޮންފަރެންސްއެއް ބޭއްވުމަށް ހަމަޖެހިފައިވާކަން ރައީސް ވަނީ އިއުލާންކުރައްވާފައެވެ.