
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ޝަމްއާން އެފަދަ ވާހަކައެއް ރައީސްއާ ހިއްސާކޮށްފައި ނުވާ ކަމަށެވެ.
ރައީސްގެ ޖަވާބުގައި "ލޯޔަލް" ވުމަކީ އެއީ ކަމަށް ޝަމްއާނަށް މެސެޖް ކުރެއްވި ކަމަށް ބުނާ ވާހަކަވެސް ދޮގު ކަމަށް ރައީސް ވިދާޅުވިއެވެ.
ޝަމްއާން ހައްޔަރުކޮށްފައިވަނީ ބިދޭސީއަކު ދޫކޮށްލުމަށް ފަހު އިމިގްރޭޝަންގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމުގެ ތުހުމަތުގައެވެ. ރައީސް ޑރ. މުއިއްޒު ވިދާޅުވީ ޝަމްއާން ކުރައްވަމުން ގެންދެވި ކަންކަން ހެކިތަކާއެކުގައި ފެނިގެން އަޅަން ޖެހޭ ފިޔަވަޅުތައް ގާނޫނާ ގަވައިދާ އެއްގޮތަށް އަޅަމުން ގެންދާ ކަމަށެވެ. އެއީ "ޑިއު ޕްރޮސެސް"ގެ ތެރެއިން ހިނގާ ކަމެއް ކަމަށާއި އިހްސާން ކުރެއްވި ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި އެމަނިކުފާނަށް މުހިންމީ މުއައްސަސާތަކުގެ އިތުބާރު ދެމެހެއްޓުމެވެ. އަދި އެއްވެސް ބޭފުޅަކު ކޮރަޕްޝަންގެ އަމަލެއް ހިންގައިފިނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވިއެވެ. މި މައްސަލާގައި ޝަމްއާން ހިމެނޭހެން ފަސް މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުން ބުނީ އިމިގްރޭޝަންގެ މުވައްޒަފުން ބިދޭސީން ދިރިއުޅެމުންދިޔަ ގެއެއް ބަލާފާސްކޮށް، ބިދޭސީން ގެންދިޔައީ ގިނަ އަދަދެއްގެ ފައިސާއާއެކު ކަމަށެވެ. އަދި ޝަމްއާންގެ އަމުރަށް 530،000 ރުފިޔާއާއެކު ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު، ދަންވަރުގެ ވަގުތެއްގައި ބަންދުން ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.