
ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ މި މަޝްރޫއާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމާ ހަމައަށް ގޮސްފައިވާ ކަމަށެވެ.
ތިނަދޫގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް މިއަހަރުގެ ފެބްރުއަރީ މަހު ހަވާލުކޮށްފައިވަނީ ޕޭން ޕެސިފިކް ކިޔާ ތައިލެންޑުގެ ކުންފުންޏަކާއެވެ. ނަމަވެސް މި ކުންފުންޏަކީ ވިޔަފާރީގެ ސްކޭމްތައް ހިންގަމުން އަންނަ ކަމަށް ތުހުމަތުކުރެވޭ ޕޭޕާ ކުންފުންޏެއް ކަމަށް ދެނެގަނެވިފައިވެއެވެ. މި ކުންފުނީގެ ރެކޯޑުތަކުން ދައްކާގޮތުން 600 މިލިއަން ޑޮލަރުގެ ތިނަދޫ އެއާޕޯޓު މަޝްރޫއު ހިންގޭނެ ވަރުގެ މާލީ ގާބިލުކަން އެ ކުންފުނީގައި ނެތެވެ.
ކާޑެއްދޫ އެއާޕޯޓާއި ތިނަދޫއާ ދެމެދު އޮންނަނީ އެންމެ ތިން ކިލޯމީޓަރުގެ ދުރުމިނެވެ. ކާޑެއްދޫ އެއާޕޯޓު ހިންގަނީ ވިލާ ކުންފުނިންނެވެ. ވިލާ ކުންފުނިން ބުނެފައިވަނީ ތިނަދޫގައި އެއާޕޯޓެއް އަޅަން ނިންމުމާ ގުޅިގެން އެ ކުންފުންޏަށް ކާޑެއްދޫ އެއާޕޯޓު ތަރައްގީކުރަން ފައިނޭންސިން ހޯދުމުގައި ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ. ރައީސް މުއިއްޒު މިއަދު ވިދާޅުވީ ތިނަދޫގައި އެއާޕޯޓެއް ނާޅާ ގޮތަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް މީގެ ކުރިން ސަރުކާރުގެ އެއްވެސް މަސްދަރަކުން އެއާޕޯޓު ނާޅާ ގޮތަށް ނިންމާފައިވާ ކަމަށް ބުނެފައެއް ނުވެއެވެ.