
ރާއްޖޭގެ އިގުތިސާދު ހަމައަކަށް އެޅުވުމަށް ޓަކައި ސަބްސިޑީއާއި ޕެންޝަން ދޭ ގޮތް އިސްލާހުކުރަން ބޭރުގެ މާލީ އިދާރާތަކުން ތަކުރާރުކޮށް ލަފާ ދީފައި އޮތް ނަމަވެސް، އަދި އެގޮތަށް އަމަލުކުރަން ސަރުކާރުން ކުރިން ނިންމި ނަމަވެސް، އެ ނިންމުން ބަދަލުކޮށްފައިވާކަން ރައީސް ހާމަކުރެއްވިއެވެ.
މިގޮތުން ސަރުކާރުން ރާވާފައިވާ 2130 މަޝްރޫއެއްގެ ތެރެއިން ގިނަ މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ދައުލަތް ހިއްސާވާ ކުންފުނިތަކާ ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތަށް މަޝްރޫއުތައް ހިންގުމުން ފައިދާގެ މާޖިން ކުޑަކުރެވި، ގަރަދު ކުޑަކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އާންމު ގޮތެއްގައި ބަޖެޓުގައި މަޝްރޫއުތައް ހިމަނަނީ، ހަވާލުކުރާ ފަރާތަށް ލިބެން ޖެހޭނެ ފައިދާ ވެސް ހިމަނައިގެން ކަމަށާއި ނަމަވެސް މިހާރު ގިނަ މަޝްރޫއުތައް ދައުލަތުގެ ކުންފުނިތަކަށް ދީގެން ހިންގާއިރު، މަޝްރޫއަށް ހިނގާ ހަރަދަށް ހަމައެކަނި ހޭދަކުރުމުން ފައިސާ ސަލާމަތް ކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މަޝްރޫއުތަކަށް ބޭނުންވާ ތަކެތި ގަނޑުކޮށް ގަނެގެން ބޭނުންކުރުމަކީ ވެސް ފައިސާ ސަލާމަތް ކުރާނެ ގޮތެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.