ads
އެމްޑީޕީގެ ވެރިކަމުގައި ދެ ނޫސްވެރިއަކަށް ފުލުހުން ކުރިމަތިލަނީ
ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް ގާއިމުކުރުމަށް ފުލުހުންގެ އެއްބާރުލުން ދެނީ
ނޫސްވެރިންނަށް ބިރުވެރިކަމެއް، ފުރައްސާރައެއް ނުވަތަ ހުރަހެއްނެތި މަސައްކަތްކުރެވޭނެ ރައްކާތެރި މާހައުލެއް ގާއިމުކުރުމަށް ފުލުހުންގެ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދިވެހި ފުލުހުންގެ ހިދުމަތުން ދީފިއެވެ.
Advertisement

ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންސާނީ ހައްގުތަކާއި ކަރާމާތް ހިމާޔަތްކޮށް، އަދުލުއިންސާފު ގާއިމުކުރުމުގައި ނޫސްވެރިން އަދާކުރާ އަގުހުރި އަދި މުހިންމު ދައުރު ފާހަގަކޮށް، ޝުކުރު އަދާކުރާ ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި ވަނީ މައުލޫމާތު ހޯދުމުގައި ނޫސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށާއި، ފޯރުކޮށްދެވޭ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް، އަދި އޮޅުންއަރާފަދަ މައުލޫމާތު ފެތުރުން މަދުކުރުމަށް ފުލުހުންގެ މުއައްސަސާއިން ނޫސްވެރިންނާ ގުޅިގެން މަސައްކަތްކުރަމުން ގެންދާނެކަމުގެ ޔަގީންކަން ދީފައެވެ. އަދި ދިވެހި ފުލުހުންގެ ހިދުމަތުގެ 2024-2028 ގެ ސްޓްރެޓެޖިކް ޕްލޭންގައި ވާގޮތުގެ މަތިން، އެކަށޭނަ ވަގުތުގައި، ސައްހަ އަދި ޒިންމާދާރު ގޮތެއްގައި މައުލޫމާތު ފެތުރުމަށްޓަކައި މީޑިއާއާއެކު ގާތުން މަސައްކަތްކުރެވޭގޮތަށް ފުލުހުންގެ މަސައްކަތްތައް ދަނީ ރޭވެމުން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުންގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ ކުށް ހުއްޓުވުމާއި، އާންމު ރައްކާތެރިކަމާއި، މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމުގައި މީޑިއާއަކީ މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި ނާޒުކު ހާލަތްތަކުގައިވެސް، އާންމުންނަށް މައުލޫމާތު ފޯރުކޮށްދީ، މުއައްސަސާތައް ޖަވާބުދާރީކުރުވުމަށް ތެދުވެރިކަމާއެކު މަސައްކަތްކުރާ ނޫސްވެރިންގެ އަގު ދިވެހި ފުލުހުންގެ ހިދުމަތުން ވަޒަންކުރާ ކަމަށް ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް