
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ބޮޑުވަޒީރު އަލްބަނީސް ދެވަނަ ދައުރަށް އިންތިހާބުވެވަޑައިގަތުމަކީ، އެމަނިކުފާނުގެ ތަސައްވުރާއި ލީޑަޝިޕްގެ ހަރުދަނާކަން ހާމަވާކަމެއް ކަމަށާއި، އެކަމަށް ރައްޔިތުންގެ އިތުބާރު ފެންނަ ކަމެއްކަމަށެވެ.
ލޭބާ ޕާޓީގެ ލީޑަރު އެންތަނީ އަލްބަނީސްއަކީ، ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި އޮސްޓްރޭލިއާގެ ޕްރައިމް މިނިސްޓަރުކަން ޖެހިޖެހިގެން ދެ ދައުރު ހޯއްދެވި ފުރަތަމަ ބޭފުޅާއެވެ. އޮސްޓްރޭލިއާގެ އިންތިހާބީ ކޮމިޝަނުން ބުނީ ވޯޓުގެ 68 ޕަސަންޓު ގުނާ ނިމިފައިވާއިރު، ގާނޫނުހަދާ މަޖިލީހުގެ 150 ގޮނޑީގެ ތެރެއިން 81 ގޮނޑި ލޭބާ ޕާޓީން ކާމިޔާބުކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. އަލްބަނީސް ވިދާޅުވީ އޭނާގެ ޕާޓީން އިތުރު ޕާޓީއަކާ އިއްތިހާދެއް ގާއިމުކުރަން ނުޖެހޭ ވަރަށް ގޮނޑި ކާމިޔާބުވެފައިވާ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ކުރިމަގުގައިވެސް ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ދަމަހައްޓައި ވަރުގަދަކޮށް، ގުޅިގެން މަސައްކަތް ކުރެވޭނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަލްބަނީސް ވެރިކަމުގެ އިތުރު ދައުރެއް ކާމިޔާބުކުރައްވާފައި ވަނީ އޮސްޓްރޭލިއާގައި ދިރިއުޅުމުގެ އަގުބޮޑުވުމާމެދު ކަންބޮޑުވުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ