
އެސްއެސް ޓީވީގެ "ބާރު ހަތަރެއް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އާހިދު ވިދާޅުވީ، އައިކޮމް އޮފީސް ހުންނަ ގ. ބިއްލޫރިޖެހިގޭގައި ފެން ފޭބުމުގެ ސަބަބުން ފޫޖަހާފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ފާހާނާ ކައިރީގައި އެއްކޮށް ފެން ބޮޑުވެފައި ހުންނަ ކަމަށެވެ.
އައިކޮމްގެ ފާހާނަ އަދި އެހެން ސަރަހައްދުތަކުގައި ފެން ފައިބައިގެން ފަންގަސް ޖަހާފައި
އޭނާ އިތުރަށް ވިދާޅުވީ، އޮފީހުގައި ހުންނަނީ އެންމެ ފާހާނާއެއް ކަމަށާއި، އެތަން ވެސް މިހާރު ބޭނުންކުރެވޭ ހާލަތުގައި ނެތް ކަމަށެވެ. މީގެ އިތުރުން ފެން ފޭބުމުގެ ސަބަބުން އޮފީހުގެ ސައި ކޮޓަރިއާއި މީޓިން ރޫމް ވެސް ބޭނުންނުކުރެވޭ ހާލަތަށް ގޮސްފައިވާ ކަމަށް އާހިދު ވިދާޅުވިއެވެ.
އާހިދު ވިދާޅުވީ މި މައްސަލަ ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށްފައިވީ ނަމަވެސް އެދެވޭ ހައްލެއް ލިބިފައިނުވާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ މެދެއްހައި ހިސާބުގައި ފިނޭންސް މިނިސްޓްރީއިން އެއްވެސް މަރާމާތެއް ނުކުރުމަށް އައިކޮމްއަށް އަންގާފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. "އަޅުގަނޑުމެން މިތިބީ ހަދާނެ ގޮތް ހުސްވެފަ. މަރާމާތު ކުރެވޭކަށެއް ނެތް. އައު އިމާރާތެއް ލިބޭކަށެއް ނެތް. ނަމަވެސް އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތް ކުރަން އެބަޖެހޭ" ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވިއެވެ. މިހާރު މުވައްޒަފުން އޮފީހުގައި މަސައްކަތްކުރަނީ ދަންފަޅިތަކަށް ބަހާލައިގެން ކަމަށާއި ގިނަ ބައްދަލުވުންތައް ބާއްވަމުން އަންނަނީ އޮންލައިންކޮށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.