
ހޯމް މިނިސްޓްރީން ބުނީ މި މަސައްކަތް ލަންކާގެ ކޭބީއެސްއެލް އިންފޮމޭޝަން ޓެކްނޮލޮޖީއާ ހަވާލުކޮށްފައިވަނީ 45,525 ޑޮލަރު (ހަތް ލައްކަ ރުފިޔާ) އަށް ކަމަށެވެ. މި މަސައްކަތް ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
ހޯމް މިނިސްޓްރީން ބުނީ ސަރުކާރު އޮފީސްތައް ބަރޯސާވެފައި އޮތީ ޑިޖިޓަލް ސަރުކާރެއް އޮޕަރޭޓް ކުރުމަށް ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ގާއިމުކޮށްފައިވާ މުވާސަލާތީ އިންފްރާސްޓްރަކްޗަރތަކުގެ މައްޗަށް ކަމަށެވެ. އެހެންކަމުން ދިމާވާ ހާދިސާއެއްގައި އޮޕަރޭޝަން ހުއްޓިދާނެ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ސަރުކާރު ހިންގުން ހުއްޓުވިޔަ ނުދީ ކުރިއަށް ގެންދާނެ ގޮތުގެ ތަންފީޒީ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ވޯލްޑް ބޭންކުގެ ޑިޖިޓަލް މޯލްޑިވްސް ފޯ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) މަޝްރޫއުގެ ހިލޭ އެހީގެ ދަށުންނެވެ.
ހޯމް މިނިސްޓްރީން އިތުރަށް ބުނީ ލަންކާގެ ކުންފުނިން ތައްޔާރުކުރާ ޕްލޭނަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް އެކުލަވާލާފައިވާ ޕްލޭނަކަށް ވާންޖެހޭ ކަމަށެވެ. އަދި މިހާރު ބޭނުން ކުރަމުން އަންނަ 22 އަހަރު ވެފައިވާ އިންފްރާސްޓްރަކްޗަރގެ މިވަގުތުގެ ހާލަތާއި ގުދުރަތީ ކާރިސާތަކާއި ސައިބަރ ހަމަލާތަކާއި ކަރަންޓު ދިއުމާއި އަލިފާނުގެ ހާދިސާތަކާ ގުޅޭ ރިސްކް އެސެސްމަންޓެއް ވެސް ހަދަން ޖެހޭނެއެވެ. އެފަދަ ކާރިސާއެއްގައި އަމަލުކުރާނެ ފުރިހަމަ އޮޕަރޭޝަނަލް މެނުއަލްއެއް ސަރުކާރަށް ލިބޭނެ ކަމަށްވެސް ހޯމް މިނިސްޓްރީން ބުންޏެވެ.