ads
އައްމަޓީ ހައިކޯޓުގެ ޝަރީއަތުގައި
އެޗްޑީސީ ގޮވައިގެން ސީލައިފް އައްމަޓީ ހައިކޯޓަށް
ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ އެކު އެޗްޑީސީ އިން ހަދާފައިވާ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް، ސީލައިފުން ހައިކޯޓަށް ހުށަހަޅައިފިއެވެ.
Advertisement

ސީލައިފާއި އެޗްޑީސީއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުކޮށްފައި ވަނީ ރަނގަޅަށް ކަމަށް ކަނޑައަޅައި، އެޗްޑީސީން ސީލައިފަށް މިކަމާ ގުޅިގެން އެއްވެސް ބަދަލެއް ދޭން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުން ހުކުމް ކުރީ މިދިޔަ މާރިޗު މަހުއެވެ.

ހުޅުމާލޭގައި 3،000 އެޕާޓްމަންޓް ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމެއްގައި އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދުގައި ސޮއިކުރީ މާޗު 13، 2014 ގަ އެވެ.

ނަމަވެސް، ސީލައިފުން އެ އެއްބަސްވުމާ ހިލާފަށް، އެ މަސައްކަތް ކުރިއަށް ނުގެންގޮސް، ކްރެޑިޓް ސުއީސްގެ ނަމުގައި ފޯޖްކޮށްފައިވާ ޕާފޯމަންސް ގެރެންޓީއެއް ހުށަހަޅައި، ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައިވާ މައްސަލާގައި އެޗްޑީސީން ސީލައިފްއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުން ޑިސެމްބަރު 24، 2018 ގައި ވަނީ ބާތިލުކޮށްފަ އެވެ.

އެ އެއްބަސްވުން ބާތިލުކޮށްފައިވަނީ އެއްބަސްވުމާއި ގާނޫނާ ހިލާފަށް ކަމުގައި ކަނޑައަޅައިދިނުމަށް އެދި، ސީލައިފްގެ ފަރާތުން އެޗްޑީސީއާ ދެކޮޅަށް ސިވިލް ކޯޓު ހުޅުމާލޭ ޑިވިޝަނަށް މައްސަލައެއް ހުށަހެޅިއެވެ. މި މައްސަލައިގެ ތެރެއިން ސީލައިފްގެ ފަރާތުން އެދިފައިވަނީ އެއްބަސްވުން ބާތިލުކުރި ކުރުމާ ގުޅިގެން އެފަރާތަށް ގެއްލުމުގެ ބަދަލު ދިނުމަށް، އެޗްޑީސީގެ މައްޗަށް އަމުރުކުރުމަށެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން އަމުރުކުރީ، ސީލައިފް އެއްބަސްވުން އެޗްޑީސީން ބާތިލުކޮށްފައިވަނީ ރަނގަޅަށް ކަމަށާއި އެކަމާ ގުޅިގެން އެއްވެސް ބަދަލެއް ސީލައިފަށް ދޭން ނުޖެހޭނެ ކަމަށެވެ.

ސީލައިފް މައްސަލައިގައި، އެޕާޓުމެންޓު ވިއްކާނެ ކަމަށް ބުނެ ގިނަ އަދަދެއްގެ މީހުންގެ އަތުން ފައިސާ ނަގައިފައިވެއެވެ. އެގޮތުން ބުކިން ފީގެ ގޮތުގައި 50،000 ރުފިޔާއާއި ޑައުންޕޭމެންޓުގެ ގޮތުގައި ވެސް ބައެއް މީހުން ފައިސާ ދެއްކިއެވެ.

އެ މައްސަލައިގައި 200އަށް ވުރެ ގިނަ މީހަކު ދައުލަތާ ދެކޮޅަށް ދައުވާ ކުރުމުން، އެޗްޑީސީން އެ މީހުންނަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި، ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ގަތުމަށް އެ މީހުންނަށް ފުރުސަތު ދޭ ގޮތަށް އެއްބަސްވުމެއް އެކުލަވާލި އެވެ.

އެ އެއްބަސްވުމުގެ ދަށުން، ސީލައިފަށް ފައިސާ ދެއްކި މީހުންގެ ތެރެއިން ބައެއް މީހުންނަށް ހިޔާ ފުލެޓުތަކާއި ވިނަރެސް ފުލެޓުތައް ދީފައިވާ ކަމަށް މިދިޔަ އަހަރުގެ މާޗު މަހު އެޗްޑީސީގެ އެއިރުގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެފައިވެ އެވެ. އޭނާ ވިދާޅުވެފައިވަނީ ހިޔާ ޓަވަރުތަކުން ބާކީވި 60 ވަރަކަށް ފުލެޓާއި ވިނަރެސްގެ 130 ފުލެޓު އެ މީހުންނަށް ހަމަޖައްސައިދިން ކަމަށެވެ.

ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައި 3000 ފްލެޓް އެޅުމަށް ސީލައިފްއާއި ހަވާލުކޮށްފައިވަނީ އެވަރުގެ މަޝްރޫއެއް ހިންގުމުގެ ގާބިލްކަން އެ ކުންފުނީގައި ނެތްކަން އެނގިތިބެކަން އެޗްޑީސީން އެކުލަވާލާފައިވާ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް