ހުޅުމާލެ ތިނެއްގައި ތަރައްގީކުރާ މި މަރުކަޒަކީ މިއީ ރާއްޖޭގައި އަޅާ ފުރަތަމަ ބައިނަލްއަގްވާމީ މާލީ ސެންޓަރެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވި މިރަސްމިއްޔާތުގައި ބިންގާގެ ރަމްޒީ ޕްލާގު އިފްތިތާހްކޮށްދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި، މާލީ މަރުކަޒަށް ހަރަދު ކުރާ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓުގެ ރައީސް ޝައިހު ނަޔެފް ބިން އީދް އަލް ސާނީ އެވެ.
ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ގުޅިގެން 8.8 ބިލިއަން ޑޮލަރުގެ އެމްއައިއެފްސީ ގާއިމުކުރުމާ ގުޅޭ އެމްއޯޔޫގައި ސޮއިކޮށްފައިވަނީ ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސާއިދު މުސްތަފާ ވިދާޅުވީ މިމަޝްރޫއާ އެކު ރާއްޖޭގެ އިގްތިސާދަށް އިންގިލާބީ ބަދަލެއް ގެނެސް، ފަތުރުވެރިން އާ ހަރުފަތަކަށް ގެންދާނެ ކަމަށެވެ. މިއަހަރު ރާއްޖޭގެ އިގްތިސާދު 6.4 ޕަސަންޓް ކުރިއަރާނެ ކަމަށް ލަފާކުރެވޭއިރު މިއަދު ބިންގާ އެޅުނު މަޝްރޫއާ އެކު އިގްތިސާދު ސިންދަފާތު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގައި އައު ދޮރުތަކެއް ހުޅުވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
އެ ސެންޓަރުގެ ޖުމްލަ ބޮޑުމިނަކީ 780,000 އަކަމީޓަރުގެ ސަރަހައްދެކެވެ. މި ސަރަހައްދުގައި 6,500 އަށް ވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ ކަމަށް ބަލާފައިވާއިރު، ދުވާލެއްގެ މައްޗަށް 35,000 މީހުން މި ސަރަޙައްދަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެ އެވެ.
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު ސަރަހައްދު ހުންނާނެ ގޮތުގެ 3ޑީ މޮޑެލް
އެމްއައިއެފްސީން ބުނިގޮތުގައި، މި ސެންޓަރު، 2030 ވަނަ އަހަރާ ހަމައަށް ނިންމުމަށް ރާވާފައިވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ވާސިލުވެވޭނެ އެވެ. މި މަޝްރޫއުގެ މަގްސަދަކީ ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ފާހަގަކުރެވޭ ވަރަކަށް އިތުރުކުރުމާ އެކު، ފަސް ވަނަ އަހަރާ ހަމައަށް އެއް ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ މަތީ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ބުނެފައިވެ އެވެ.
މި މަޝްރޫއުގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިކަމުގެ އިތުރުން އެހެން ދާއިރާތަކަށް އިގުތިސާދު ފުޅާކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ. މުސްތަގުބަލުގެ މާލީ ދާއިރާ ގާއިމުކޮށް، ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭ ސަރަހައްދެއްގެ ޒަރީއާއިން، އިންޑިއާ ކަނޑުގެ ސަރަހައްދުގައި އެންމެ ފާހަގަކޮށްލެވޭ މާލީ މަރުކަޒުގެ ގޮތުގައި ދިވެހިރާއްޖެ ގާއިމުކުރެވޭނެ ކަމަށް ވެސް ސަރުކާރުން ދެކެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;