
ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުން ވެސް މި މައްސަލައާ މެދު މިއަދުން މިއަދަށް ގޮތެއް ނުނިންމައި ތަހުގީގު ކޮމިޓީގެ ރިޕޯޓާއި އިތުރު ލިޔެކިޔުންތައް ދިރާސާކުރުމަށް ވަގުތު ހޭދަކުރުމަށް އިއްތިފާގުވިއެވެ.
ޖޭއެސްސީން އާދިއްތަ ދުވަހު ބޭއްވި ބައްދަލުވުމުގައި އެ ދެ ފަނޑިޔާރުން ވަކިކުރަން ނިންމުމަށް ފަހު، ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ފޮނުވިއެވެ. މި މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާކަން މަޖިލީހުގެ ރައީސްގެ މޭޒުން އިއުލާންކުރުމަށް މިއަދުގެ ޖަލްސާގައި އެޖެންޑާކޮށް، މިއަދު ޖުޑީޝަރީ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ވެސް ބޭއްވިއެވެ.
ޖޭއެސްސީން ފަނޑިޔާރުން ވަކިކުރުމަށް ނިންމީ، އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކޮށް ބަންދުކުރުމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔަ މަޖިލީހަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައެވެ.
ފަނޑިޔާރުން ހާޒިރުކުރުމާ ގުޅޭ ގޮތުން މެންބަރުންގެ ތެރޭގައި ކުޑި ހިޔާލު ތަފާތުވުންތަކެއް އެބަހުއްޓެވެ. ފަރެސްމާތޮޑާ ދާއިރާގެ ޕީއެންސީ މެންބަރު އަޝްރަފް ރަޝީދު ހުށަހެޅުއްވީ ފުރަތަމަ ލިޔެކިޔުންތައް ދިރާސާކުރުމަށް ފަހު، ބަޔަކު ހާޒިރުކުރަން ޖެހޭތޯ ނޫންތޯ ކޮމިޓީން ވަކި ބައްދަލުވުމެއްގައި ފަހުން ގޮތެއް ނިންމުން ރަނގަޅުކަމަށެވެ.
އެހެންނަމަވެސް ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވީ ތުހުމަތުވާ ދެ ފަނޑިޔާރުންނާއި ޖޭއެސްސީން މައްސަލަ ބެލުމަށް އެކުލަވާލި ތަހުގީގު ކޮމިޓީގެ ބޭފުޅުން ހާޒިރުކުރަން މިއަދު ފާސްކުރުމަށެވެ.
ސަރުކާރުގެ މެޖޯރިޓީ އޮންނަ ކޮމިޓީން ފާސްކުރީ ވެރިކަންކުރާ ޕީއެންސީގެ މެންބަރު އަޝްރަފް ހުށަހަޅުއްވައި، ފޭދޫ ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ތާއީދުކުރެއްވި ގޮތަށެވެ. ފާހަގަކޮށްލެވޭ ކަމަކީ ކޮމިޓީއަށް ހާޒިރުވެ ޖަވާބުދާރީވުމުގެ ފުރުސަތު ދެއްވަން އެދިވަޑައިގެން އަޒްމިރަލްދާ ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ވެސް ފޮނުއްވާފައިވާ ކަމެވެ.