
ބޭރު ތޮށީގެ 95 ޕަސަންޓް މަސައްކަތްވެސް ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ ބަނދަރުގައި އެއްގަމު ދުވާރު ހެދުމުގެ މަސައްކަތް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ދިއްދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން 2021 ވަނަ އަހަރުގެ މެދުތެރޭގައި ފެށި މަޝްރޫޢެކެވެ. މި މަޝްރޫއުގެ ދަށުން 78,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 58 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި، 378 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 478 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، 630 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، ރޭމްޕެއް ހެދުމާއި، 6,858 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ޖެޓީއެއް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.
ސަރުކާރުން 94 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއު ނިމުމުން ދިއްދޫގެ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީވެގެން ދިއުމާއެކު ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި ލަފާ ފުރުމުގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. ދިއްދޫއަކީ ހއ. އަތޮޅުގެ ވެރިކަންކުރާ ރަށަށްވެފައި ރާއްޖޭގެ އުތުރުން ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ ރަށްވެސް މެއެވެ. އެރަށުގައި 4700 އަށްވުރެ ބޮޑު އާބާދީއެއް އަންނަނީ ދިރިއުޅެމުންނެވެ.