
ރައީސް ނަޝީދަށް ބޮމުގެ ހަމަލާއަށް ދިނީ އެމަނިކުފާނު ގެކޮޅުން ނުކުންވައިގެން ކާރަށް އަރަން ވަޑައިގަންނަވަނިކޮށް 2021 ވަނަ އަހަރުގެ މޭ 6 ގައެވެ.
އެ ހާދިސާއަށް ހަތަރު ފުރޭ ދުވަހާއި ދިމާކޮށް ދަ ޑިމޮކްރެޓްސްއިން ނެރުނު ބަޔާނެއްގައި ބުނީ އަހަރަކަށްފަހު އަހަރެއް ފާއިތުވެދިޔަ އިރު މި މައްސަލާއިގައި އެމަނިކުފާނަށް އިންސާފު ލިބިވަޑައިގެންފައި ނުވާކަން ކަންބޮޑުވުމާއެކު ފާހަގަކުރާކަމަށެވެ.
މި މައްސަލާގައި ކުށަށް އިއުތިރާފުވި މީހެއްގެ މައްޗަށް ކުށް ސާބިތުވުން ފިޔަވައި، އިތުރު މީހެއްގެ މައްޗަށް މިހަމަލާއާ ގުޅިގެން ކުށެއް ސާބިތުކުރެވިފައިނުވާކަމަށާއި މި ހަމަލާދިނުމުގެ އަޑީގައި އެއްވެސް ފަރާތެއް ވާކަން ވެސް ތަހުގީގުން ހޯދިފައިނުވާކަން ދަ ޑިމޮކްރެޓްސްއިން ނެރުނު ބަޔާނުގައިވެއެވެ. އަދި އެ ހަމަލާގެ މައުލޫމާތު މި ސަރުކާރަށް ލިބިފައިވާކަމަށް ބުނި ނަމަވެސް އެކަމުގައި އެޅި ފިޔަވަޅެއް ނެތްކަމަށް ޑިމޮކްރެޓްސްގެ ބަޔާނުގައިވެއެވެ.
މިއީ ދުރާލާ ރޭވި އިންތިޒާމްވެގެން ހިންގި ޓެރަރިސްޓް ހަމަލާއެއްކަމަށް ވިޔަސް، އަދި ޓެރަރިޒަމަކީ އަނިޔާވެރިކަން އެކުލެވޭ ކުށްތަކުގެ ތެރެއިންވެސް އެންމެ ސީރިއަސްކަން ބޮޑު، އަދި ހާއްސަ ގާނޫނީ އުސޫލުތަކަކުން ފިޔަވަޅުއަޅައި އަމަލުކުރުމަށް ހަމަޖެހިފައިވާ ކުށަކަށްވާއިރު، މިކަމުގެ ސީރިއަސްކަން ގެއްލުވާލާފައިވާކަމަށް ދެކޭކަމަށްވެސް ޑިމޮކްރެޓްސް އިން ބުނެއެވެ. އަދި މި މައްސަލާގައި އިންސާފު ގާއިމުނުކުރެވިވާވުމުގެ އަސްލަކީވެސް އެއީކަމުގައި ޑިމޮކްރެޓްސް އިން ބުނެއެވެ.
ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ޓެރަރިސްޓް ހަމަލާގެ ތަހުގީގު ފުންމިނަށް ހިންގައި އެ ކަމުގެ އަޑީގައިވާ ފަރާތްތައް ހޯދުމަށް ޑިމޮކްރެޓްސް އިން ވަނީ ގޮވާލަފައެވެ. އަދި މި މައްސަލާގައި އެމަނިކުފާނަށް އިންސާފު ހޯދައިދިނުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށްވެސް ދަ ޑިމޮކްރެޓްސްއިން ވަނީ ގޮވާލާފައެވެ.
މި ހަމަލާގައި އެމަނިކުފާނު ވަރަށް ބޮޑަށް ޒަހަމްކޮށްލުމާ ގުޅިގެން 16 ގަޑިއިރުގެ ދިގު ސާޖަރީއެއް އޭޑީކޭ ހޮސްޕިޓަލުގައި ކުރަންޖެހުނެވެ. އަދި އޭގެ ފަހުން ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވަން ޖެހިވަޑައިގަތެވެ.