
އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ހުސެއިން ބްރަހިމް ރާއްޖެ ވަޑައިގެންފައި މިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނާއި (އޭސީސީ) އާއި ސައުދީ އަރަބިއްޔާގެ އޯވާސައިޓް އެންޑް އެންޓި-ކޮރަޕްޝަން އޮތޯރިޓީ (ނަޒާހާ) ގުޅިގެން "ސައުދީ-މޯލްޑިވްސް އިންޓަނޭޝަނަލް ފޯރަމް އޮން އިންޓެގްރިޓީ" ގެ ނަމުގައި ބާއްވާ ބައިނަލްއަގުވާމީ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ނަޒާހަތްތެރިކަން އިތުރުކޮށް ކޮރަޕްޝަނުގެ ހިރާސް ކުޑަކުރުމުގެ މަގްސަދުގައި ބޭއްވޭ ފޯރަމުގައި އޯއައިސީގެ 40 އަށް ވުރެ ގިނަ މެމްބަރު ގައުމުތަކުންނާއި 10 އަށްވުރެ ގިނަ ބައިނަލްއަގްވާމީ ޖަމާއަތްތަކާއި އެކު 180 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާކަމަށްް އޭސީސީން ބުނެއެވެ.
މި ފޯރަމުގެ ތެރެއިން އޯއައިސީއާ އެންޓިކޮރަޕްޝަން ކޮމިޝަނާއި ދެމެދު އިންނަ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އޭސީސީން ބުނެއެވެ.
ދިވެހި ރާއްޖެއަކީ 1976 އިން ފެށިގެން އޯއައިސީގެ ހަރަކާތްތެރި މެމްބަރެއްގެ ގޮތުގައި އިސްލާމީ ދުނިޔޭގެ އެއްބައިވަންތަކަމަށް ވަކާލާތުކޮށް އެ ޖަމްއިއްޔާގެ އެކި މަޝްރޫއުތަކުގައި ބައިވެރިވަމުން އަންނަ ގައުމެއްކަމަށް އޭސީސީން ބުނެއެވެ.