
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މިހާރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ބްރޫނާއީގެ ސިއްހީ ދާއިރާގެ ޓެކްނިކަލް ޓީމަކާ އެކުގައެވެ. މި ޓީމުގައި ބްރޫނާއީގެ ޕްރައިމަރީ ހެލްތްކެއަރގެ ޗީފް ކްލިނިކަލް ސްޕެޝަލިޓީ ސާވިސްގެ މަންދޫބުން ހިމެނެއެވެ.
ހެލްތް މިނިސްޓްރީގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ކެންސަރަށް ފަރުވާދިނުމުގެ ހިދުމަތްތައް ތަރައްގީކުރުމުގެ އިތުރުން، އަރބަން ޕްރައިމަރީ ހެލްތްކެއަރއަށް އިސްކަންދީގެން ޕްރައިމަރީ ހެލްތްކެއަރގެ ހިދުމަތް ހަރުދަނާކުރުމަށާއި، ހަކުރުބަލި މެނޭޖްކުރުމާއި ނަފްސާނީ ކަންކަމަށް ހާއްސަކޮށް ނަރުހުން ތަމްރީންކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކްތައް ހިންގުމުގެ ސްޓްރެޓެޖީތަކާއި އެންމެ ރަނގަޅު އުސޫލުތައް ހިއްސާކުރުމާ ގުޅޭގޮތުންވެސް ދެފަރާތުން ވާހަކަދައްކާފައިވެއެވެ.
މީގެއިތުރުން، މެޑިސިން ކިޔަވާ ދިވެހި ދަރިވަރުންނަށް ބްރޫނާއީގައި އިންޓަރންޝިޕް ހެދުމުގެ ފުރުސަތު ހޯދުމަށާއި، ޕަބްލިކް ހެލްތާ ގުޅުންހުރި މޯބައިލް އެޕްލިކޭޝަން ތައްޔާރުކުރުމަށް އެކަމުގެ އިލްމާއި ތަޖުރިބާ ހިއްސާކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ. ބްރޫނާއީގެ ޓީމުން ވަނީ މާލޭގައި ސިއްހީ ހިދުމަތްދޭ މުހިންމު ތަންތަނަށް ޒިޔާރަތްކޮށް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި ދަމަނަވެށި އަދި ރާއްޖޭގެ ހެލްތްކެއަރ އިންފްރާސްޓްރަކްޗަރއާއި ހިދުމަތް ފޯރުކޮށްދިނުމުގެ ކަންކަންވެސް ބަލާފައެވެ.