
މި މައްސަލަ ހުށަހެޅުއްވީ ދައުލަތުގެ މީޑިއާއިން ތަކުރާރުކޮށް ގާނޫނާހިލާފުވަމުން ދިއުމަކީ، ރާއްޖޭގައި ރަސްމީ ސިފައެއްގައި ގާނޫނުގެ ބާރުކަނޑުވައިލައި، ގާނޫނަށް އަމަލުނުކުރުމުގެ ސަގާފަތެއް އަށަގެންނެވުމަށް ހިތްވަރުލިބޭ ފަދަ ކަމަށްކަށްވާތީ ކަމަށް ބުނެ އެވެ.
މެންބަރު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކަށް ބެލުމެއް ނެތި ގައުމީ މީޑިއާއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ބަދަލުގައި ދީނީ، އިގުތިސާދީ، އިޖުތިމާއީ، ސިޔާސީ އަދި މިނޫނަސް ގައުމަށް ބޭނުންތެރި ހުރިހާ ދާއިރާއެއްގައި މައުލޫމާތާއި ގައުމީ އެކި ކަންކަމުގެ ހަބަރާޢި މައުލޫމާތާޢި ކަން ހިނގަމުންދާ ގޮތް ރައްޔިތުންނަށް އަންގައިދެމުން ނުދާ ކަމަށެވެ.
މިކަމަކީ ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނާ ހިލާފަށް އެތަނުގެ މެނޭޖްމަންޓުން ހިންގަމުންގެންދާ ކަންކަން ކަމަށްވެސް މެންބަރު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުުވެފައިވެ އެވެ.
މިއަދުގެ ޖަލްސާގައި އެ މައްސަލަ އެޖެންޑާކުރި ނަމަވެސް، ސަރުކާރުގެ ސުޕަ މެޖޯރިޓީން ވަނީ އެ މައްސަލަ ބޭރުކޮށްލައިފަ އެވެ.
އެގޮތުން, އެ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށް ނެގި ވޯޓުގައި އެ މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ އެމްޑީޕީގެ 12 މެންބަރުންނެވެ. ނުފެންނަ ކަމަށް 45 މެންބަރުން ވަނީ ވޯޓުދެއްވައިފައެވެ. އެއާއެކު ރިޔާސަތުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފަ އެވެ.