
މިނިސްޓްރީން ބުނީ އެއްބަސްވުމާ އެއްގޮތަށް ކަންކަން ރަނގަޅު ކުރުމަށް އިތުރު މުއްދަތެއް ދިނުމުން ވެސް އެކަން ރަނގަޅު ނުކުރުމުން ކަމަށެވެ.
އެގްރިކަލްޗަރު މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ނ. މިނާވަރު ކުއްޔަށް ދީފައިވަނީ 2010 ވަނަ އަހަރުގެ ފެބްރުއަރީ 6 ވަނަ ދުވަހު 21 އަހަރު ދުވަހުގެ މުއްދަތަށް ދަނޑުވެރިކަމާއި ވެލިޔުއެޑިޝަން އަދި ޕްރޮސެސިންގެ މަސައްކަތްތައް ކުރުމަށް ކަމަށެވެ. ނަމަވެސް މޮނިޓަރ ކުރުމުން އެނގުނީ ވެލިޔުއެޑިޝަން އަދި ޕްރޮސެސިންގެ އެއްވެސް މަސައްކަތެއް އެ ރަށުގައި ނުކުރާ ކަމަށެވެ. އެ ކަންކަން ރަނގަޅު ކުރުމަށް މި އަހަރުގެ މާޗު 19 އިން ފެށިގެން 30 ދުވަހުގެ މުއްދަތެއް ދިން ނަމަވެސް ރަނގަޅު ކޮށްފައި ނުވާތީ ރަށް ސަރުކާރަށް އަތުލަން ނިންމީ ކަމަށް އޮފީހުން ބުންޏެވެ.
މިނާވަރު ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ހަމަވާން ބާކީ އަދި ހަ އަހަރު އޮތް ނަމަވެސް އެ ރަށް އަތުލަން އެގްރިކަލްޗަރު މިނިސްޓްރީން އިއްޔެ ވަނީ 14 ދުވަހުގެ ނޯޓިސްއެއް ދީފައެވެ. މީގެ ކުރިން ސިޔާމުގެ ރަށެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ ދ. އުއްދޫ ވެސް ވަނީ އޭނާ އަތުން އަތުލައިފައެވެ. އެއީ ވެސް ދަނޑުވެރިކަމުގެ ބޭނުމަށް ދޫކުރި ރަށެކެވެ. ސިޔާމްގެ އެމްޑީއޭ އެކު ސަރުކާރު ކޯލިޝަނުން ކުރިން މަސައްކަތް ކުރަމުން އައި ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މީޑިއާ ބްރީފިންގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ސަރުކާރު ކޯލިޝަންގައި މިހާރު އެ ޕާޓީ ނެތް ކަމަށެވެ.