
ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް އަންނަ ޖުލައި މަހު ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި ޓެކްސީ ލައިނަށް ފުރަތަމަ ބުރުގައި 100 ކާރު ގެންނަން ނިންމާފައިވާކަމަށާއި އެކަމަށް 80 މިލިއަން ރުފިޔާ ހޭދަވާނެކަމަށް ބެލެވޭކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ވަނީ ބުނެފައެވެ.
ރައްޔިތުން މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން ޓްރާންޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ސަރުކާރުން ޓެކްސީ ލައިން ފެށުމުން މހާރު ޓެކްސީ ކުރަމުން އަންނަ އެއްވެސް މީހަކަށް ގެއްލުން ނުވާނެކަމަށެވެ.
ޓެކްސީ ޑްރައިވަރުންނަށް ގެއްލުން ނުވާނެކަަމަށް މިނިސްޓަރު ވިދާޅުވި ސަބަބުތައް:
- މިހާރު ގަވައިދުން ޓެކްސީ ކުރާ ފަރާތްތަކަށް ކުރެވޭނެ
- އަމިއްލަ ފަރާތްތަކަށް ޓެކްސީ ކުރަން ހުރަހެއް ނެތް
- ޕާޓްޓައިމްކޮށް ޓެކްސީ ކުރާ ފަރާތްތަކަށް ސަރުކާރު ފްލީޓްގައި ބައިވެރިވެވޭނެ
މިނިސްޓަރު ވިދާޅުވީ މިހާރު ޓެކްސީ ހިދުމަތް ދޭ ފަރާތްތަކުގެ ގިނަ ޝަކުވާތަކެއް މިނިސްޓްރީއަށް ލިބެމުން އަންނަކަމަށެވެ. އެގޮތުން ބޭނުންވާ ގަޑިތަކުގައި ޓެސްސީ ނުލިބުމާއި ވަކި ދަތުރުތައް ނޫނީ ނުނެގުން މިނިސްޓަރު އަމީން ފާހަގަކުރެއްވިއެވެ.
މާލޭގެ މަގުތައް ހުރި ގޮތުންނާއި ގޯޅިތައް ހަނިކަމުން ތެކްސީ ހިދުމަތް ދިނުމުގައި ދަތިތައް ހުރިކަން ފާހަގަކުރައްވަމުން މިނިސްޓަރު އަމީން ވިދާޅުވީ ސަރުކާރުގެ ޓެކްސީ ލައިންގައި ހިމެނޭނީ މުޅިން އެއް ސައިޒުގެ ކާރުތައް ނޫންކަމަށެވެ. އެގޮތުން ތިން ސައިޒެއްގެ ކާތު ގެންނާނެކަަން މިނިސްޓަރު އަމީން ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ސަރުކާރުން ޓެކްސީ ލައިން ފެށުމުން މިހާރު ޓެކްސީ ކުރަމުން އަންނަ ޑްރައިވަރުންގެ އަހްލާގު ރަނގަޅުވެގެން ދާނެކަމަށެވެ.