
ވެރިކަން ކުރާ ޕީއެންސީގެ މެޖޯރިޓީ އޮންނަ ޖުޑިޝަރީ ކޮމިޓީ އަށް ކުއްލި ބަދަލެއް ގެނެސްފައި މިވަނީ އެ ކޮމެޜީން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ އެ ކޮމެޓީން ދިރާސާކުރަމުން އަންނަނިކޮށެވެ.
ކޮމެޓީއަށް ގެނައި ބަދަލަކީ އެ ކޮމެޓީގައި ކުރިން ހިމެނިވަޑައިގަންނަވާ ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިސްމާއިލް ނިޒާރު އެ ކޮމިޓީން ވަކިކުރުމެވެ. އޭނާގެ ބަދަލުގައި ކޮމެޓީއަށް އައްޔަންކޮށްފައިވަނީ ކޮލަމާފުށީ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އެވެ.
ކޮމެޓީއަށް ބަދަލު ގެނައިކަން މިއަދުގެ މަޖިލީހުގައި ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އިއުލާންކުރައްވާފައެވެ. އެހެންނަމަވެސް ސަބަބެއް ވިދާޅެއްނުވެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމުގައިވާ ޑރ. އަޒްމިރާލްދާ ޒާހިރު އަދި މަހާޒް އަލީ ޒާހިރު ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައި ފޮނުވި ރިޕޯޓު ދިރާސާކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ ފަށާފައެވެ.
މި ކޮމެޓީން އިއްޔެ ބާއްވަން ނިންމި ބައްދަލުވުން ފަސްކުރުމަށްފަހު އެންމެފަހުން ވަނީ ކެންސަލްކޮށްފައެވެ.
ޖުޑިޝަރީ ކޮމިޓީގައި ހިމެނެނީ 11 މެމްބަރުންނެވެ. އޭގެތެރެއިން ނުވަ މެންބަރުންނަކީ ޕީއެންސީގެ މެމްބަރުންނެވެ. ދެން ތިބެނީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ދެ މެމްބަރުންނެވެ.